ޅ. ހިންނަވަރަށް އުދަ އަރާ، ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ހިންނަވަރު ކައުންސިލްގެ ރައީސް އަބްދުﷲ އިބްރާހީމް ވިދާޅުވީ އެރަށަށް އުދައަރަށް ފެށީ މިއަދު ހެނދުނު 09:40 ހާއިރު ކަމަށެވެ. އަދި އުދަ އަރަމުން އަންނަނީ މިހާރުގެ ބަނދަރާއި ކުރީގެ ބަނދަރު ސަރަހައްދުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ލޮނުގަނޑު މުޅި ރަށަށް ފެތުރެމުންދާއިރު ގެތަކަށާއި ސިއްހީ މަަރުކަޒަށް އަދި އިންޖީނު ގެއަށް ވެސް ލޮނުގަނޑު ވަދެފައިވާ ކަމަށް އަބްދުﷲ ވަނީ ވިދާޅުވެފައެވެ. އަދި ހުއްޓުމެއް ނެތި ގިނަ އިރު އެގޮތަށް ލޮނު އަރާނަމަ ބޭނުން ނުކުރެވޭ ވަރަށް ސިއްހީ މަރުކަރަށް ގެއްލުން ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަބްދުﷲ ވިދާޅުވީ ރަށަށް ލޮނުގަނޑު އަރަމުންދާތީ ރަށުގެ ރައްޔިތުންނާއި ކައުންސިލާއި އެމްއެންޑީއެފް އަދި ފުލުހުން ގުޅިގެން ވެލި ބަސްތާ ޖެހުމުގެ މަަސައްކަތް ކުރަމުންދާ ކަމަށެވެ.

އަބްދުﷲ ވިދާޅުވީ ބޭރު ތޮށި ނެތުމުގެ ސަބަބުން އެރަށަށް އަބަދުވެސް އުދައަރާ ގެއްލުންވާ ކަމަށެވެ.