ރޯދަ މަހާ ދިމާކޮށް ސައޫދީ އަރަބިއްޔާއިން ރާއްޖެއަށް 25 ޓަނުގެ ކަދުރު ހަދިޔާކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއަހަރު ބެހުމަށް ހަވާލުކުރި 25 ޓަނުގެ ކަދުރާ ދިވެހި ސަރުކާރުގެ ފަރާތުން ހަވާލުވެފައިވަނީ މިނިސްޓާ އޮފް އިސްލާމިކް އެފެއާޒް ޑރ. އަހްމަދު ޒާހިރު އަލީ ކަމަށެވެ.

އެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ އިއްޔެ ދިވެހިރާއްޖޭގައި ހުންނަ ސައޫދީ އަރަބިއްޔާގެ އެމްބަސީގައި ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ ކުރީގެ އަހަރުތަކުގައި ރާއްޖެއަށް ވަނި ސައުދީގެ ފަރާތުން 50 ޓަނުގެ ކަދުރު ހަދިޔާކޮށްފައެވެ.

ކޮންމެ އަހަރެއްގައި ވެސް ސައުދީން ފޮނުވާ ކަދުރު މާލޭގެ އިތުރުން އަތޮޅުތަކަށް ފޮނުވައިގެން ބެހުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދެއެވެ.

މިއަހަރު 50 ޓަނަށް ވުރެ މަދުން ކަދުރު ލިބިފައިވާއިރު ކަދުރު ބެހުމުގައި އަމަލުކުރާނެ ގޮތް އަދި މިނިސްޓްރީން ހާމައެެއް ނުކުރެއެވެ.