މުޅި ދުނިޔެ އިނދަޖައްސާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ކުރީކޮޅު މަސައްކަތް ހިންގައިގަތުމަށް ކުރިމަތިވި އެންމެ ބޮޑު އެއް ހުރަހަކީ، ޗައިނާގެ ސައެންސްވެރިންނާ އޮފިޝަލުންނާ އެކު މަސައްކަތް ކުރަން ޖެހުމާ، ޗައިނާއިން ބޭރުވާ މައުލޫމާތުގެ ތެރެއިން އިތުބާރު ކުރަންވީ ކޮން މައުލޫމާތަކަށް ކަން ކަނޑައެޅުން ކަމަށް، އެމެރިކާގެ މަގުބޫލު ޑޮކްޓަރު، އެންތަނީ ފައޫޗީ ވިދާޅުވެއްޖެއެވެ.

ސީއެންއެންއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޑރ ފައޫޗީ ވިދާޅުވީ، ސާސް ރޯގާގެ ދުވަސްވަރަށް ފަހު، ޗައިނާއާ މެދު ފާޑުވެރި ނަޒަރަކުން ދެކެވަޑައިގެންނެވޭ ކަމަށެވެ. ސާސް ރޯގާގެ ދުވަސްވަރު ޗައިނާއިން އެންމެ ފުރަތަމަ ބުނަމުން ދިޔައީ އާދައިގެ ރޯގާއެއް ކަމަށާ، ނަމަވެސް ހިނދުކޮޅެއްގެ ތެރޭގައި މުޅި ދުނިޔެއަށް އެ ބަލި ފެތުރިގެން ދިޔަ ކަން ޑރ ފައޫޗީ ވަނީ ހަނދާން ކޮށްދެއްވާފައެވެ.

އެހެންކަމުން، މާޒީއަށް ބަލާއިރުވެސް ޗައިނާއަކީ އެންމެ ފުރިހަމައަށް ދެފުށް ފެންނަ ގޮތެއްގައި މަސައްކަތް ކޮށްފައި ވާ ގައުމެއް ނޫން ކަމަށް ޑރ ފައޫޗީ ވިދާޅުވިއެވެ. އަދި ޗައިނާއިން ކަނޑައެޅިގެން ދޮގު ހެދީ ނޫން ކަމަށާ، ނަމަވެސް ބޭނުންވާ ހުރިހާ މައުލޫމާތެއް ފޯރުކޮށްނުދިނީ ކަމަށްވެސް ޑރ ފައޫޗީ ވަނީ ސިފަކުރައްވާފައެވެ.

މިމޭރުމުން ވާހަކަ ކުރިއަށް ގެންދަވަމުން ޑރ ފައޫޗީ ވިދާޅުވީ، ޗައިނާޣެ ވޫހާންއަށް އެމެރިކާގެ ޓީމުތައް ފޮނުވައިގެން އެންމެ ގަޑިއިރަކަށް ނަމަވެސް ޗައިނާގެ ސައެންސްވެރިންނާ ވާހަކަ ދައްކާލެވުނު ނަމަ، އެތައް ބައިވަރު މައުލޫމާތެއް ލިބުނީސް ކަމަށެވެ.

2019 ވަނަ އަހަރުގެ ޑިސެންބަރު މަހު، ޗައިނާގެ ވޫހާން ސިޓީއިން އެންމެ ފުރަތަމަ ކޮވިޑް-19ގެ ކޭސްތައް ރިޕޯޓް ކުރަން ފެށިއިރު، މި ވައިރަހުގެ އަސްލު އަދިވެސް ދެނެގަނެވިފައެއް ނުވެއެވެ. މި ބައްޔާ އެންމެ ފުރިހަމަ މައުލޫމާތު، ޗައިނާއިން ހިފަހައްޓާ ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ.

މި ކަމާ ގުޅިގެން ޗައިނާގެ ވާހަކަ ތަފާތެވެ. ޗައިނާގެ ރައީސް ޝީ ޖީންޕިންގް ވިދާޅުވަނީ، ކޮވިޑް-19ގެ ބަލިމަޑުކަމުގައި ޗައިނާއިން އަމަލު ކޮށްފައި ވަނީ ދެފުށް ފެންނަ އުސޫލަކުން، ޒިންމާދާރު ކަމާއެކުގައި ކަމަށެވެ.