ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ތަރައްގީ ކޮށްފައިވާ ވެކްސިންގެ ޑޯޒްތަކާއި، ފޭކު ވެކްސިން ކާޑުތައް، އިންޓަނެޓްގެ ކަޅުބާޒާރުގައި ބޮޑު އަގުގައި ވިއްކަމުން އަންނަ ކަމަށް، ދާދިފަހުން އާންމު ކުރި ރިޕޯޓެއް ބުނެފިއެވެ.

ސައިބާ ސެކިއުރިޓީ ކުންފުންޏެއް ކަމަށްވާ ޗެކް ޕޮއިންޓް ސޮފްޓްވެއާއިން ބުނީ، އަސްޓްރާޒެނީކާއާ ޖޯންސަން އެންޑް ޖޯންސަން ފަދަ ބްރޭންޑްތަކުގެ ވެކްސިން، ޑޯޒްއެއް 1000 ޑޮލަރަށް ވިއްކަން އެބަހުރި ކަމަށާ، ވެކްސިން ޖެހި ކަން އަންގައިދޭ ކާޑުވެސް 200 ޑޮލަރަށް ކާޑެއްގެ މަގުން ވިއްކަން އެބަހުރި ކަމަށެވެ.

އިންޓަނެޓްގެ ކަޅުބާޒާރު ނުވަތަ ޑާކްވެބަކީ، ސާޗް އިންޖީންތަކުން ނުދައްކާ ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމަކީ، އިންޓެނެޓްގައި ޖިނާއީ ޖަރީމާތައް ހިންގާ މީހުންގެ މެދުގައި މަގުބޫލު ޕްލެޓްފޯމެކެވެ.

ޗެކް ޕޮއިންޓް ސޮފްޓްވެއާގެ ތަރުޖަމާނަކު ވިދާޅުވީ، އިންޓަނެޓްގެ ކަޅުބާޒާރުގައި ވިއްކަން ހުރި ޑޯޒްތަކަކީ ސައްހަ ޑޯޒްތަކެއް ކަން ކަށަވަރު ނުވާ ކަމަށާ، ނަމަވެސް ފެންނަ ފެނުމަށް، އޭގައިވާ ލޭބަލްތަކަށް ބަލާއިރު، އެއީ އަސްލު ކަމަށް ބެލެވޭ ކަމަށެވެ.

ފާއިތުވީ 3 މަހެއްހާ ދުވަހަށް ބަލާއިރު، ޑާކްވެބްގައި ކޮވިޑް-19 ވެކްސިން އިސްތިހާރު ކުރި މިންވަރު، 300 ޕަސެންޓް އިތުރުވެފައި ވާކަމަށްވެސް ރިޕޯޓްގައިވެއެވެ.

ކޮވިޑް-19 ވެކްސިނާއި ވެކްސިން ކާޑު ވިއްކުމުގެ އިތުރުން، ކޮވިޑް-19އަށް ނެގެޓިވް ވެފައި ވާކަމަށް ބުނާ ނަތީޖާ ކަރުދާސްވެސް، 25 ޑޮލަރަށް ވިއްކަން އެބަހުރި ކަމަށް މައުލޫމާތު ލިބެއެވެ.

ކޮވިޑް-19އާ ގުޅިގެން ހިޔާނާތާ އެފަދަ ޖަރީމާތައް އިތުރު ވަމުން އަންނައިރު، ކަމާ ބެހޭ އިދާރާތަކުން ދަނީ، ކޮވިޑް-19ގެ ވެކްސިން ކާޑު ފަދަ ޒާތީ ވަނަވަރު އެނގޭ ލިޔެކިއުންތައް ސޯޝަލް މީޑިއާއަށް ދޫކޮށްނުލުމަށް އާންމުންނަށް އިލްތިމާސް ކުރަމުންނެވެ.