ވެންޓިލޭޓަރު ކޮރަޕްޝަންގެ މައްސަލާގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް (ޕީޖީ) މަގާމުން އިސްތިއުފާ ދޭން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސް އެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވީ ވެންޓިލޭޓަރު ކޮރަޕްޝަން ބެލުމަށް ޕީޖީ ފެއިލްވެފައިވާ ކަމަށައި އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ޖެހޭ ކަމަށެވެ.

ރައީސް ނަޝީދު އެފެދައިން ވިދާޅުވެފައި ވަނީ ކޮވިޑް-19އާ ގުޅިގެން ގެނައުމަށް ނިންމި ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގި މައްސަލައިގައި، އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީީސީ)އިން ތަހުގީގު ނިންމައި، ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވުމުން ހެކި ނެތް ކަމަށް ބުނެ ދައުވާ ނުކުރަން ނިންމުމާއި ގުޅިގެންނެވެ.

ވެންޓިލޭޓަރު ވައްކަން ބެލުމަށް ޕީޖީ ވަނީ ފެއިލްވެފައި. ވެންޓިލޭޓަރު ގަތުމަށް ސަރުކާރުން ވަނީ ފައިސާ ދީފައި، އެހެން ނަމަވެސް ވެންޓިލޭޓަރުތައް ނުލިބޭ. ދެން ކޮން އުންސުރެއް ކިޔާކަށް،
ރައީސް ނަޝީދު

އެކަމާ ގުޅިގެން ޕީޖީ އޮފީހުން ބުނެފައި ވަނީ އޭސީސީން އެ އޮފީހަށް ހުށަހެޅި އިތުރު މައުލޫމާތުތަކާ ގުޅިގެން، މައްސަލަ އަލުން ރިވިއުކޮށް ބެލިއިރު، އާ މައުލޫމާތާއި، މައްސަލައިގައި ކުރިން ހޯދިފައިވާ ހެކި ގަރީނާގެ މައްޗަށް ބަލާ، ޖިނާއީ ކުށެއްގައި ސާބިތު ކޮށްދޭން ޖެހޭ އުންސުރުތައް ސާބިތު ކޮށްދެވިދާނެ ކަމަށް ނުފެންނަ ކަމަށް ބުނެފައެވެ.

އެގޮތުން އެ މައްސަލާގައި ދައުވާ ނުކުރުމަށް އެ އޮފީހުން ނިންމި ސަބަބުތައް އެގޮތުގައި ދެމިއޮތް ކަމަށް ފެންނާތީ، އެ ނިންމުމަށް ބަދަލު ނުގެންނަށް އެ އޮފީހުން ނިންމާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ. ޕީޖީ އޮފީހުން ބުނީ އެ މައްސަލައިގައި މަދުވާ އުންސުރުތައް ހަމަ ކުރަން ޕީޖީން އޭސީސީއާ ވާހަކަ ދައްކާ ނުވަތަ އޭސީސީއަށް އިރުޝާދެއް ދީފައި ނުވާނެ ކަމަށެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލަ ފެންމަތިވީ އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު ހެލްތް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން ދައުލަތުން ހޯދަން ބޭނުންވާ ވެންޓިލޭޓަރުތައް ގެނައުމުގައި ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކޮށްފައިވާ ކަން ބަޔާން ކުރުމުންނެވެ. އެގޮތުން 75 ވެންޓިލޭޓަރު ގެންނަށް ދުބާއީ ކުންފުންޏަށް އެޑްވާންސްގެ ގޮތުގައި 90 ޕަސަންޓަށް ވާ 30.9 މިލިއަން ރުފިޔާ ދީފައި ވާ އިރު، އަދި ލިބިފައި ވަނީ އޭގެ 10 ވެންޓިލޭޓަރެވެ.