ޓްވިޓާ ކުންފުނީގެ ބާނީ ޖެކް ޑޯސީ ކުރި ފުރަތަމަ ޓްވީޓް، ގާތްގަނޑަކަށް 2.9 މިލިއަން ޑޮލަރަށް ގަތުމަކީ ދެކޮޅު ޖެހޭ ވިޔަފާރިއެއް ކަމަށް، އެ ޓްވީޓް ގަތް ވިޔަފާރިވެރިޔާ، ސީނާ އެސްތާވީ ބުނެފިއެވެ.

މެލޭޝިއާގައި ހަރަކާތްތެރިވާ ވިޔަފާރިވެރިޔާ އެސްތާވީ ބުނީ، މި ޓްވީޓަކީ، ޑިޖިޓަލް އެސެޓެއްގެ ގޮތުގައި އޮތް، އިންސާނީ ތާރީހުން ބައެއް ކަމަށާ، ކުރިއަށް އޮތް ބައި ގަރުނެއްހާ ދުވަހުގެ ތެރޭގައި މި ޓްވީޓްގެ އަގު އަރައިގެން ދާ ގޮތް އެއްވެސް މީހަކަށް އަދި ނޭނގޭނެ ކަމަށެވެ.

އެސްތާވީ ވަނީ، އޭނާ އެންމެ ފަހުން މި ގަތް ޓްވީޓްއާ، މަޝްހޫރު ކުރެހުންތެރިޔާ ލިއަނާޑޯ ޑި ވިންޗީގެ މަޝްހޫރު ކުރެހުން، "މޮނާ ލީސާ" އާ އަޅާ ކިއާފައެވެ.

ތަޖުރިބާކާރުންވެސް ބުނަމުން ދަނީ ޓްވިޓާގެ ބާނީ، އެ ޕްލެޓްފޯމްގައި ކުރި ފުރަތަމަ ޓްވީތަކީ އަގުހުރި އެސެޓެއް ކަމަށެވެ. ކަން މިހެން އޮތް އިރު، އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް ފަދަ ބޭފުޅުން ކުރެއްވި ބައެއް ޓްވީޓްތަކަކީވެސް މުހިންމު އެސެޓްތަކަކަށް ވެދާނެ ކަމަށް ބައެއް މީހުން ދަނީ ބުނަމުންނެވެ.

މާޗް 21، 2006 ގައި ޑޯސީ ކުރި ފުރަތަމަ ޓްވީޓްގެ މިލްކުވެރިއަކީ އެސްތާވީ ނަމަވެސް، އިންޓަނެޓް އެކްސެސް އޮތް ކޮންމެ މީހަކަށްވެސް މި ޓްވީޓް ބަލާ، ކިޔާ ހެދެއެވެ.