ދުނިޔޭގައި މިވަގުތު އޮޕަރޭޓް ކުރާ ކާގޯ އުފުލާ އުޅަނދުފަހަރުގެ ތެރެއިން އެންމެ ބޮޑު އެއް އުޅަނދު، ސުއޭޒް ކެނަލްގައި ތާށިވެ، ބައިނަލްއަގުވާމީ ކަނޑު ދަތުރުފަތުރަށް ހުރަސް އުޅެމުންދާއިރު، ބޯޓު ދުރަށް ޖެއްސުމުގެ މަސައްކަތް ބޮޑު ދިޔާގައި އަނެއްކާވެސް ފަށާފައި ވާ ކަމަށް ހަބަރު ލިބިއްޖެއެވެ.

ފުން ސަރަހައްދަކަށް ކާގޯ ބޯޓު ގެންދިއުމުގެ މަސައްކަތުގައި، 5 ޓަގު ބޯޓަކުން މަސައްކަތް ކުރަމުން ދާ ކަމަށް މައުލޫމާތު ލިބެއެވެ. ތާށިވެފައިވާ ބޯޓު ދުރަށް ޖެއްސުމަށް އިއްޔެވެސް މަސައްކަތްތަކެއް ކޮށްފައި ވާއިރު، ވައި ހުރި ގޮތުންނާއި، ބޯޓުގެ ބޮޑުކަމުން، އެދެވޭ ނަތީޖާއެއް ނެރެވިފައެއް ނުވެއެވެ.

ޑްރެޖަރު ބޭނުން ކޮށްގެން ސުއޭޒް ކެނަލް ފުން ކުރުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށްވެސް ހަބަރު ލިބެއެވެ.

ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި ބޯޓުގެ މިސްރާބު ބަދަލު ވެފައި ވަނީ ވަރަށް ކުޑަކޮށެވެ.

ޕެނަމާގެ ދިދާގައި އޮޕަރޭޓް ކުރާ "އެވާ ގްރީން" ނަމަކަށް ކިއާ ބޯޓު، ސުއޭޒް ކެނަލްގެ ހަނި ހިސާބެއްގައި ތާށިވެފައި ވަނީ ކަންކުއްޗަށް ވާ ކަހަލަ ގޮތަކަށެވެ. މި ބޯޓު ސުއޭޒް ކެނަލްގައި ތާށިވީ، އަންގާރަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. ސުއޭޒް ކެނަލް އޮތޯރިޓީއިން މައުލޫމާތު ދޭ ގޮތުގައި، ބޯޓު ތާށިވީ، ގަދަ ވަޔާ ވެލީގެ ތޫފާނެއްގެ ތެރެއިން، ބޯޓުގެ ކޮންޓްރޯލް ގެއްލިގެންނެވެ.

ސުއޭޒް ކެނަލްއަކީ ބައިނަލްއަގުވާމީ ކަނޑު ދަތުރުފަތުރުގެ ސިނާއަތަށް ބަލާއިރު އެންމެ މުހިންމު އެއް މަގެވެ. ވިލާތާއި އޭޝިއާ ބައްރާ ދެމެދު މުދާ އުފުލާ އެންމެ ބޮޑު ޗެނަލެވެ. އެވާ ގްރީން ފުންކޮށް، ސުއޭޒް ކެނަލް ހުޅުވޭނެ ވަގުތެއްގެ އިންތިޒާރުގައި، ކެނަލްގެ ދެ ފަރާތުގައި 150 އެއްހާ ބޯޓު މިހާރުވެސް އެބައޮތް ކަމަށް މައުލޫމާތު ލިބެއެވެ. މީގެ ތެރޭގައި ބޮޑެތި ބޯޓު ފަހަރުވެސް ހިމެނެއެވެ.

ކުރިއަށް އޮތް 48 ގަޑިއެއް ހާއިރު ތެރޭގައިވެސް ކެނަލް ހުޅުވޭނެ ކަމަށް ނުބެލެވޭއިރު، ބައެއް ޝިޕިންގް ކުންފުނިތަކުން ދަނީ، އެފްރިކާ ވަށާލާފައި ދެވޭތޯ ބަލަމުންނެވެ. ނަމަވެސް، މިކަމުގެ ސަބަބުން ދަތުރަށް، ހަފުތާއެއްހާ ދުވަސް އިތުރު ވާނެ ކަމަށް ބެލެވެއެވެ.

ސުއޭޒް ކެނަލް ބަންދުވެފައި އޮތުމުގެ އަސަރު، ތެލުގެ ބާޒާރަށް ކުރާނެ ކަމަށްވެސް ބެލެވެއެވެ.