ކުދިންނަށް ރައްކާތެރިކަންދޭ ޖެހޭ ފަދަ މާގާމުގައި ތިބޭ ޓީޗަރުންނާއި ފުލުހުން ކުށެއްކޮށް ރެކިގެން އުޅެވޭ ނަމަ ކުދިންނަށް ރައްކާތެރިކަމެއް އޮތީ ކޮންތާކުތޯ އައްސަވާ ކުރީގެ ފޮރިން މިނިސްޓަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަނބަލުން ދުންޔާ މައުމޫން ސުވާލު ކުރައްވައިފިއެވެ.

ދުންޔާ މިހެން ވިދާޅުވީ، އިއްޔެ ފެންމަތިވެގެން އައި ރޭޕްގެ މައްސަލައަކާ ގުޅިގެންނެވެ. އެއީ ރ. އަތޮޅުގެ ރަށެއްގައި އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި ކަމަށް ބުނެ އާއިލާއިން ތުހުމަތު ކުރާ މައްސަލައެކެވެ. މި މައްސަލަައިގައި އާއިލާއިން ތުހުމަތު ކުރަނީ ޓީޗަރަކާއި ފުލުހެއްގެ އިތުރުން އަދި އިތުރު ބަޔަކަށެވެ.

ދުންޔާ ވިދާޅުވީ، ޓީޗަރުންނާއި، ފުލުހުންނަކީ އިތުބާރުކުރެވޭ މަގާމުތަކުގައި ތިބޭ ބައެއް ކަމަށެވެ. އެމީހުންނަކީ ކުޑަކުދިންގެ ރައްކާތެރިކަމުގައި އެންމެ އިސް ނަގާ އުޅެންޖެހޭ ފަރާތްތައް ގޮތުގައި ދުންޔާ ސިފަ ކުރެއްވިއެވެ. ނަމަވެސް އެފަދަ މީހަކު ކުޑަކުދިންނާ މެދު ނުލަފާ އަމަލުތައް ހިންގުމަށްފަހު އެ ކުށުން ރެކިގެން އުޅެވޭނަމަ ދަރިންނަށް ރައްކާތެރިކަން އޮތީ ކޮންތާކުތޯ ދުންޔާ އެއްސެވިއެވެ.

މި ހާދިސާ ހިންގާފައި ވަނީ މި މަހުގެ 3 ވަނަ ދުވަހުއެވެ. އަދި ފުލުހުންނަށް މި މައްސަލަ ރިޕޯޓް ކޮށްފައި ވަނީ މި މަހުގެ 11 ވަނަ ދުވަހުއެވެ. މި މައްސަލަ ފެންމަތިވެ މިހާ ދުވަސްވީ އިރު ވެސް މައްސަލައާ ގުޅިގެން އެއްވެސް މީހަކަށް ފިޔަވަޅު އަޅާފައި ނުވާތީ އެކަމާ ކަންބޮޑުވުން އުފުލާ މަޑުއްވަރީގައި ވަނީ އިއްޔެ އެ ރަށުގެ ގިނަ ރައްޔިތުންތަކެއް ނުކުމެ އިހުތިޖާޖު ކޮށްފައެވެ.

މި މައްސަލައިގައި ވަކި މީހެއްގެ މައްޗަށް ތުހުމަތު ކުރެވޭނެ ހެއްކެއް މިހާތަނަށް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ. އަދި ޖިންސީ ގޯނާގެ ޝިކާރައަކަށް ވީ ކުޑަކުއްޖާ މިހާރު ވަނީ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށް އެ މިނިސްޓްރީން ބުނެއެވެ.