މ. ދިއްގަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

އެމްޓީސީސީން ބުނީ އެ މަޝްރޫއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާ އިން އެ ކުންފުންޏާ ހަވާލުކޮށްފާއިވާ މަޝްރޫއެއް ކަމަށެވެ. އެ މަޝްރޫއަކީ 84.121 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެ މަޝްރޫޢުގެ ދަށުން، 25 ހެކްޓަރުގެ ބިން ހިއްކުމާއި، ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމާއި، ބޭރުތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ.

އަމަލީ މަސައްކަތް ފެށުމުގެ ގޮތުން މިއަދު ހެނދުނު ދިއްގަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެ ކުންފުނީގެ އިސްވެރިންނާއި ދިއްގަރު ދާއިރާގެ މަޖިލިސް މެންބަރު އިކްރާމް ހަސަން ބައިވެރިވެ ވަޑައިގަތެވެ.

އެމްޓީސީސީ އަކީ އެއްވަގުތެއްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަޝްރޫއުތައް ހިންގަމުން އަންނަ ސަރުކާރުގެ ކުންފުންޏެކެވެ. ކޮވިޑްގެ ބަލިމަޑުކަމުގައި ކުންފުންޏަށް ދިމާވާ ތަފާތު ގޮންޖެހުންތަކާ އެކު ވެސް، ކުންފުނީގެ އަމާޒަކީ ނިންމަން ކަނޑައަޅާފައި އޮންނަ މުއްދަތަށް މަޝްރޫއުތައް ނިންމުން ކަމަށް އެމްޓީސީސީން ބުނެއެވެ.

އެގޮތުން އެމްޓީސީސީގެ 40 އަހަރުގެ ދިގު މާޒީގައި އެންމެ ގިނަ މަޝްރޫއުތައް ނިންމި އަހަރަކީ 2020 ވަނަ އަހަރު ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި މިހިނގާ 2021 ވަނަ އަހަރަކީ ވެސް ގިނަ މަޝްރޫއުތަކެއް ނިންމާ ކާމިޔާބު އަހަރަކަށް ހެދުމަކީ ކުންފުނީގެ އަމާޒެއް ކަމަށް ކަމަށްވެސް ބުނެއެވެ.