އަންނަ މަހުން ފެށިގެން ރާއްޖޭގައި ވިސާ ކާޑުން ކުރާ މުއާމަލާތްތަކަށް ފައިސާ ކަނޑާނީ ދިވެހި ރުފިޔާއިން ކަމަށް މޯލްޑިވަސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

އެމްއެމްއޭ އިން ބުނީ ފާއިތުވި 2020 ވަނަ އަހަރު ތެރޭގައި ވިސާ އިން ދިވެހިރާއްޖޭގައި 'ނެޝަނަލް ނެޓް ސެޓްލްމަންޓް ސާވިސް' ތައާރަފު ކޮށްފައިވާ ކަމަށެވެ. މި ހިދުމަތް ތައާރަފް ކުރުމުން ރާއްޖޭގައި ހިންގާ ވިސާ ކާޑުގެ ޓްރާންސެކްޝަން ތަކަށް، ކާޑު ދޫކުރާ ބޭންކުން ޕޭމަންޓް ހޯދުމަށް ހިދުމަތްދޭ ފަރާތަށް (ފައިސާ ބަލައިގަތުމުގެ ހިދުމަތް ދޭ ފަރާތް)، ކަސްޓަމަރުން ހަދާ ކާޑު ޓްރާންސެކްޝަންތަކުގެ ސެޓްލްމަންޓް ދިވެހި ރުފިޔާއިން ހެދޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް އެމްއެމްއޭ އިން ބުނެއެވެ.

ވިސާ ގެ 'ނެޝަނަލް ނެޓް ސެޓްލްމަންޓް ސާވިސް' ތައާރަފު ކުރުމުގެ ކުރިން ވިސާ ކާޑު ބޭނުން ކޮށްގެން ރާއްޖޭގައި ހިންގާ މުއާމަލާތްތައް، އެއީ ދިވެހި ރުފިޔާއިން ހިންގި ޓްރާންސެކްޝަނެއް ކަމުގައި ވީނަމަވެސް، އެ މުއާމަލާތްތަކަށް ހިދުމަތް ދިނުމުގައި ހަރަކާތްތެރި ވާ ފަރާތްތަކުގެ މެދުގައި ސެޓްލްމަންޓް ހެދޭނެ ގޮތް ހަމަޖެހިފައިވަނީ ޑޮލަރުން ކަމަށް އެމްއެމްއޭ އިން ބުނެއެވެ.

އޭގެ އިތުރުން ވެސް މުދަލާއި ހިދުމަތުގެ އަގު ބަލައިގަތުމުގައި ރާއްޖޭގެ ބައެއް މާޗަންޓް އައުޓްލެޓުތަކުން ޑޮލަރުން އެ މުއާމަލާތްތައް ބަލައިގަންނަމުންދާ ކަންވެސް ފާހަގަވެފައިވާ ކަމަށް މަރުކަޒީ ބޭންކުން ވަނީ ބުނެފައެވެ. މީގެ ސަބަބުން ކާޑު ދޫކޮށްފައިވާ ބޭންކުން ކާޑު ޕޭމަންޓް ހޯދާ ފަރާތަށް ސެޓްލްމަންޓް ހެދުމަށްޓަކައި ޑޮލަރަށް ބަރޯސާވާން ޖެހޭ ކަމަށް އެމްއެމްއޭ އިން ވަނީ ބުނެފައެވެ.

އެމްއެމްއޭ އިން ބުނީ ދިވެހިރާއްޖޭގައި ވިސާ ކާޑު ގެ 'ނެޝަނަލް ނެޓް ސެޓްލްމަންޓް ސާވިސް' ތައާރަފް ކުރުމާއެކު އެ މުއާމަލާތްތަކަށް ވެސް ދިވެހި ރުފިޔާއިން ލާރި ކެނޑޭނެ ކަމަށެވެ.

އެހެންކަމުން ދިވެހިރާއްޖޭގައި ހިންގާ ބޭންކަކުން ދޫކޮށްފައިވާ ވިސާ ކާޑުތައް މެދުވެރިކޮށް ރާއްޖޭގައި ހިނގާ އެންމެހާ ކާޑު ޕޭމަންޓްތައް ބަލައިގަތުމުގައި ދިވެހި ރުފިޔާ ބޭނުން ކުރުމަށް، ދިވެހިރާއްޖޭގައި ހިންގާ ހުރިހާ ބޭންކުތަކާއި ކާޑުން ފައިސާ ހޯދާ ފަރާތްތަކަށް އެމްއެމްއޭ އިން އަންގާފައިވާ ކަމަށް އެމްއެމްއޭ އިން ބުނެއެވެ. އަދި އެ ބަދަލަށް އަމަލު ކުރަން ފެށުމަށް ހަމަޖެހިފައި ވަނީ އޭޕްރީލް 15، 2021 އިން ފެށިގެން ކަމަށް އެމްއެމްއޭ އިން ވަނީ ބުނެފައެވެ.

އެމްއެމްއޭ އިން ބުނީ މި ބަދަލާއި ގުޅިގެން ރާއްޖޭގެ ހުރިހާ މާޗަންޓް އައުޓްލެޓްތަކުން، އެ ފަރާތްތަކުގެ މުދަލާއި ހިދުމަތް ހޯދާ ކަސްޓަމަރުންގެ ފަރާތުން، ދިވެހިރާއްޖޭގައި ހިންގާ ބޭންކަކުން ދޫކޮށްފައިވާ ވިސާ ކާޑަކުން ފައިސާ ބަލައިގަންނަނަމަ، އެ ފައިސާ ބަލައިގަނެވޭނީ ހަމަ އެކަނި ދިވެހި ރުފިޔާއިން ކަމަށެވެ.

އޭގެ އިތުރުން ހިދުމަތް ދިނުމުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މެދުގައި އެ ޓްރާންސެކްޝަންތަކުގެ ސެޓްލްމަންޓް ހެދުމަށް ބޭނުން ކުރެވޭނީވެސް ހަމަ އެކަނި ދިވެހި ރުފިޔާ ކަމަށާއި އޭގެ ސަބަބުން ކާޑުން ކުރާ މުއާމަލާތަކަށް ފައިސާ ކެނޑުމަށް ބޭންކް ތަކުން ޑޮލަރަށް ބަރޯސާވާންޖެހޭ މިންވަރުވެސް ކުޑަ ވެގެންދާނެ ކަމަށް އެމްއެމްއޭ އިން ބުނެއެވެ.

އެމްއެމްއޭ އިން ބުނިގޮތުގައި 'ނެޝަނަލް ނެޓް ސެޓްލްމަންޓް ސާވިސް' ގެ ހިދުމަތް ދިވެހިރާއްޖޭގައި އަދި ތައާރަފް ކޮށްފައިވަނީ ވިސާ އިން ކަމުން، އެ ނިންމުން މި ވަގުތު ހިނގާނީ ދިވެހިރާއްޖޭގައި ހިންގާ ބޭންކަކުން ދޫކޮށްފައިވާ ވިސާ ކާޑެއް ބޭނުންކޮށްގެން ރާއްޖޭގައި ކުރާ މުޢާމަލާތްތަކަށް އެކަންޏެވެ.