މިޔަންމާގެ އަސްކަރިއްޔާގެ ލާއިންސާނީ އަނިޔާތަކަށް ކެތް ނުވެގެން ގައުމު ދޫކޮށް ރެފިއުޖީންގެ ގޮތުގައި ރޯހިންޏާ ދަރިކޮޅުގެ މީހުން ދިރިއުޅެމުން ދާ ބަންގްލަދޭޝްގެ ކޮކްސް ބާޒާރު ސަރަހައްދުގައި މިވަނީ އަލިފާނުގެ ވަރުގަދަ ހާދިސާއެއް ހިނގާފައެވެ. ރެފިއުޖީންނާ ބެހޭ އދގެ އިދާރާއިން ބުނާ ގޮތުގައި، މި ހާދިސާގެ ސަބަބުން 45000 އެއްހާ މީހުންގެ ހިޔާވަހިކަމެއް ނެތެވެ. މި ހާދިސާގައި 15 މީހުން މަރުވިއިރު، 400 އެއްހާ މީހުންނަށް ވީނުވީއެއް އަދި ސާފެއް ނުވެއެވެ.

ވަގުތީ ހިޔާތަކުން ތޮއްޖެހިފައިވާ ކޭމްޕުގައި ހުޅުގަނޑު ފަޅައިގެން ދިޔައިރު، އުމުރުން 25 އަހަރުގެ ރެފިއުޖީ، ސައިފުލް އަރަކާނީ ދުއްވައިގަތީ ސީދާ ދުންގަނޑުގެ ތެރެއަށެވެ. މީހަކު ދިރި ހުރިތޯ ބަލާ، އެމީހަކު ސަލާމަތް ކުރުމުގެ ނިޔަތުގައެވެ.

"މީހުން އަޅިއަށް ވަމުން ދިޔައީ އަހަރަންގެ ލޯ ކުރިމަތީގަ" ސައިފުލް ބުންޏެވެ.

ޒުވާން ފޮޓޯގްރާފަރު އަދި ރެފިއުޖީ، ސައިފުލް އަރަކާނީ / ފޮޓޯ: ޓީމް ސައިފުލް އަރަކާނީ

އިތުރު އެހެން ވޮލަންޓިއަރުންނާއެކު ސައިފުލް މަސައްކަތް ކުރަމުން ދިޔައެވެ. އިންތިހާއަށް ފިހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުން ދިޔައީ އޭނާގެ ޖެކެޓާއި ރަޖާތައް ބޭނުން ކޮށްގެންނެވެ. ސައިފުލް އަކީ ޕްރެފެޝަނަލް ފޮޓޯގްރާފަރެކެވެ. މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވިއިރު އަތުގައި އޮތީ ފޯނު އެކަންޏެވެ. ނަމަވެސް އޭނާ ވަނީ ބައެއް މަންޒަރުތައް ރެކޯޑް ކޮށްފައެވެ.

"އަހަރެން ފޮޓޯ ނަގަން ފެށިން، އެކަމަކު އަހަރެންނަށް ރުއިމެއް ނުހުއްޓޭ" ސައިފުލް ކިޔައިދިނެވެ.

އޭނާއަށް ނެގުނު ހުރިހާ ފޮޓޯތަކެއްގެ ތެރެއިންވެސް އެންމެ ހިތްދަތި ކުރުވަނިވި ފޮޓޯއަކަށް ވީ، އިންތިހާއަށް ފިހިފައި އޮތް ތުއްތު ކުއްޖެއްގެ ފޮޓޯއެކެވެ. ފިހިގެން މަރުވެފައި އޮތް އެކުއްޖާ އޮތީ، ކުޅެން ގެންގުޅުނު އެއްޗެއްވެސް ބަނޑުދަށުލައިގެން ކަހަލަ ގޮތަކަށެވެ.

ބަންގްލަދޭޝްގެ ކޮކްސް ބާޒާރު ސަރަހައްދުގައި ދިރިއުޅެމުންދާ ރޯހިންޏާ ދަރިކޮޅުގެ ރެފިއުޖީން/ފޮޓޯ: މުޙައްމަދު ހުސައިން

މިލިއަނެއްހާ ރޯހިންޏާ ރެފިއުޖީން ދިރިއުޅެމުންދާ ކޮކްސް ބާޒާރު ކޭމްޕުގައި އެއީ މެންދުރު ފަހުގެ ވަގުތެވެ. ސައިފުލްގެ މަންމަ ގެއިން ބޭރަށް ނިކުންނަން ދިޔަ ވަގުތު ބޯ ދުން އަރާތީ ފެނުނެވެ. އެންމެ 2 ކިލޯމީޓަރު ދުރުން، ގަދަ ހުޅުގަނޑުވެސް ފެންނަން ހުއްޓެވެ.

"އަލިފާންގަނޑު ހުރީ 100 އެއްހާ ފޫޓު މައްޗަށް އަރާފަ. ޓެކްސީއެއް ނަގައިގެން އަހަރެން އަވަހަށް އެ ދިމާލަށް ދިޔައީ" ސައިފުލް ބުންޏެވެ.

އެ ހިސާބަށް ދެވުނު އިރު، ހިސާބަކަށް މީހުންވެސް ޖަމާވެފައި ވާ ކަމަށާ، އެންމެހެން ވިސްނަމުން ދިޔައީ ހުޅުގަނޑު ފެތުރިގެންދާނެ މިސްރާބު ބެލުމަށް ކަމަށް ސައިފުލް ބުންޏެވެ. މަންމަ ނޫނީ އާއިލާގެ އެހެން މެންބަރުން ސަލާމަތް ކޮށްދޭން ގޮވާ، ރޮއެ އާދޭސް ކުރަމުން ގެތަށް ދޫކޮށް މީހުން ނިކުންނަ މަންޒަރު، ސައިފުލްއަށް ދިޔައީ ފެންނަމުންނެވެ. ނަމަވެސް ކޮށްދޭނީ ކީއްކަމެއް އެއްވެސް މީހަކަށް ނޭނގުނެވެ.

ކުއްލި ހާލަތުގައި ހަރަކާތްތެރިވާ ޓީމުތަކަށް އޭރު އަދި ނާދެވެއެވެ. ސައިފުލްއާއި އަދިވެސް އިތުރު ބައެއް ވޮލަންޓިއަރުން ދުންގަނޑުގެ ތެރެއަށް ވަނީ، މީހުން ސަލާމަތް ކުރުމުގެ މަސައްކަތަށެވެ. ދެން އޭނާއަށް ފެނުނު މަންޒަރުތަކަކީ ދުވަހަކުންވެސް ހަނދާނުން ފޮހެވިދާނެ މަންޒަރުތަކެއް ނޫނެވެ.

ކޮކްސް ބާޒާރު ސަރަހައްދުގައި ރޯވެ އަނދަމުން ދަނީ / ފޮޓޯ: ޓީމް ސައިފުލް އަރަކާނީ

"އަހަރެން ދުށިން، ހަމަ އަހަރެން ކަހަލަ މީހުން އަޅިއަށް ވެގެން ދިޔަތަން. އެ މީހުންނަށް އެހީވާން ބޭނުންވި. އެމީހުން ސަލާމަތް ކުރަން ބޭނުންވި. އެކަން ކުރުމުގެ ތެރޭގައި އަހަރެން މަރުވި ކަމުގައި ވީ ނަމަވެސް. އަތްދަނޑި މަތީގައްޔާ، ކޮނޑު މަތީގައި، ތުއްތު ކުދިންނާއި، ދުވަސްވީ އަންހެނުންނާ ފިރިހެނުން، އަހަރެން އުފުލިން. އޭގެ ތެރެއިން ގިނަ ބަޔަކު ވަނީ ސީރިއަސް ޒަހަމްތަކަކާއެކު" ސައިފުލް ކިޔައިދިނެވެ.

ސައިފުލް ބުނި ގޮތުގައި އޭނާގެ ކުރިމަތީގައި 10 މީހުން މަރުވިއެވެ. އޭގެ ތެރޭގައި، އުމުރުން 1 އަހަރާއި 6 އަހަރާ ދެމެދުގެ 4 ކުޑަކުދިންވެސް ހިމެނެއެވެ.

ކޮންމެ އަކަ ކިލޯމީޓަރެއްގައި 60000 އެއްހާ މީހުން ދިރިއުޅޭ ކޭމްޕު ތެރެއިން، ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދަށް ދަތުރު ކުރުމަކީ އެމާޖެންސީ ސާވިސަސްއަށް މާ ފަސޭހަ ކަމެއް ނޫނެވެ. ފެން ހޮޅި އަޅާފައި ނެތުމުގެ ސަބަބުން، ސިފައިންނާއި ރެފިއުޖީން، އަލިފާން ނިއްވަން އުޅުނީ ފެން ބާލިދީތައް ހިފައިގެންނެވެ. ގަޑިއަކަށް ވުރެ ގިނަ އިރު އެ ގޮތަށް ކޮޅު ކޮޅު މައްޗަށް ދުވިއެވެ. އަލިފާން ނިއްވާ ލޮރީތަކަށް އާދެވުނީ ހަވީރުވެސް ވީ ފަހުންނެވެ.