ޕާކިސްތާނާއެކު ބަދަހި ގުޅުމެއް ބޭއްވުމުގެ ރޫހެއް އިންޑިއާގައި އެބަ އޮތް ކަމަށާ، ނަމަވެސް އެކަން ވާން އަންނަނީ، ދެކޮޅުވެރިކަމާއި ޓެރަރިޒަމްއިން އެއްކިބާވެފައިވާ، އިތުބާރު އޮތް ވެއްޓެއް ގާއިމު ކުރެވިގެން ކަމަށް، އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ވިދާޅުވެއްޖެއެވެ.

ޕާކިސްތާނުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ބޮޑުވަޒީރު، އިމްރާން ހާނަށް ފޮނުއްވި ސިޓީފުޅެއްގައި މޯދީ ވިދާޅުވީ، އަވަށްޓެރި ގައުމެއްގެ ހައިސިއްޔަތުން، ޕާކިސްތާނުގެ ރައްޔިތުންނާއެކު ބަދަހި ގުޅުމެއް ބާއްވަން އިންޑިއާއިން އެދޭ ކަމަށެވެ.

އިންޑިއާ ސަރުކާރުގެ މަސްދަރުތަކާ ހަވާލާދީ އެ ގައުމުގެ މީޑިއާއިން ރިޕޯޓް ކުރާ ގޮތުގައި މި ސިޓީފުޅަކީ، ގަވައިދުން ކޮންމެ އަހަރަކުވެސް ފޮނުވާ ސިޓީފުޅެއް ކަމަށެވެ.

މިއަދު ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާއިރު، ބޮޑުވަޒީރު އިމްރާނާއި ޕާކިސްތާނުގެ ރައްޔިތުންނަށް ހެޔޮ އެދިވަޑައިގަންނަވާ ކަމަށްވެސް މޯދީގެ ސިޓީފުޅުގައިވެއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ދިރިއުޅުއްވާ ގެކޮޅުގައި އަރާމު ކުރައްވަނީ/ފޮޓޯ: ޕިންޓްރެސްޓް

މި ފަހަކަށް އައިސް، އިންޑިއާއާއި ޕާކިސްތާނާ ދެމެދު އެދެވޭ ރޫހެއްގައި މުއާމަލާތު ކުރަމުން ދާ ކަމުގެ އިޝާރާތްތަކެއް ވަނީ ފެންނަން ފަށާފައެވެ. އެގޮތުން މިދިޔަ މަހު، އިންޑިއާއާއި ޕާކިސްތާނުގެ އަސްކަރިއްޔާއިން ވަނީ 2003 ވަނަ އަހަރު އެކުލަވާލި ލައިން އޮފް ކޮންޓްރޯލްގައި ހަމަލާ ބަދަލު ކުރުން މަނާ ކުރާ އެއްބަސްވުން އެންމެ ފުރިހަމަ ގޮތުގައި ތަންފީޒު ކުރުމަށް އެއްބަސްވުމަކަށް އައިސްފައެވެ.

ހޯމަ ދުވަހު، ޕާކިސްތާނުގެ އޮފިޝަލުންގެ ވަފުދެއް ވަނީ އިންޑިއާއަށް ދަތުރު ކޮށްފައެވެ. މީގެ އިތުރުން، އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދަން ޝްރިންގްލާވެސް ވަނީ ޕާކިސްތާނާއެކު ގާތް ގުޅުމެއް ބާއްވަން އިންޑިއާއިން އެދޭ ކަމުގެ އިޝާރާތެއް، ހުސްވި ހަފުތާގައި ކުރައްވާފައެވެ.

ޒަމާންވީ ހަތުރުންގެ ގޮތުގައި އޮތް އިންޑިއާއާއި ޕާކިސްތާނުގެ ގުޅުން އިންތިހާއަށް ހީނަރުވެގެން ދިޔައީ، ޖައްމުއާއި ކަޝްމީރަށް އިންޑިއާއިން ދީފައި އޮތް ހާއްސަ ދަރަޖަ، އިންޑިއާއިން 2019 ވަނަ އަހަރު އުވާލި ހިސާބުންނެވެ.

އިންޑިއާގެ މިިހާރުގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ/ފޮޓޯ: ޓެލެގްރާފް އިންޑިއާ

ޕާކިސްތާނުގެ ޖުމްހޫރީ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެވެސް މާޗް މަހުގެ 23 ވަނަ ދުވަހެވެ. އެއީ ލާހޯރް ރެޒޮލޫޝަންގެ އުފަލުގައެވެ. އެއީ އިންޑިއާގެ މުސްލިމުންނަށް ވަކި ގައުމެއް އުފެއްދުމަށް، އޯލް އިންޑިއާ މުސްލިމުން ލީގުން ޑިމާންޑް ކުރުމުގެ މުނާސަބާގައެވެ.

ޕާކިސްތާނުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، އިންޑިއާގެ ރައީސް، ރާމް ނާތު ކޯވިންދުގެ ހާއްސަ މެސެޖެއް، ޕާކިސްތާނުގެ ރައީސް އާރިފް އާލްވީއަށްވެސް ފޮނުއްވި ކަމުގެ ހަބަރު ލިބެއެވެ.