ކޮވިޑް ބަލިމަދުކަމުން ރައްކާތެރި ވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މާލެ ސަރަހައްދުގައި ބޭރަށް ނުކުމެ އުޅުން މަނާ ކުރާ ވަގުތުތަކުގައި ވެސް މަޖިލީހުގެ މެންބަރުންނަށް ބޭރުގައި އުޅެވޭ ގޮތަށް ހަމަޖައްސައި ދިނުމަށް ހުށަހަޅައިފިއެވެ.

މިގޮތަށް ހުށަހަޅުއްވާފައި ވަނީ މިއަދު ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީގެ ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ. އޭނާ ވިދާޅުވީ، ރައްޔިތުން މަޖިލީހުގެ މެންބަރުން ބަންދުވެފައި ތިއްބަވަން ޖެހިވަޑައިގަތުމަކީ މެންބަރުން ތަމްސީލް ކުރައްވާ ދާއިރާތަކުގެ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ދަތި ކަމެއް ކަމަށެވެ.

މެންބަރުން ކުރައްވާ މަސައްކަތަށް އަލިއަޅުއްވާ ލައްވަމުން އޭނާ ވިދާޅުވީ، މެންބަރުން މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާ ގަޑިއާއި ވަގުތާ އަދި ތަންތަނަށް ބަލާއިރު މަޖިލީހުގެ މެމްބަރުންނަށް ފަސޭހަ ކަމާއެކު ތަންތަނަށް ވަޑައިގެންނެވުމަށް އަދި ހަމަ އެއާ އެކީގައި އެކި ވަގުތުތަކުގައި ކުރައްވާ މަސައްކަތްތަކަށް ދަތިނުވާނެ ގޮތަށް މަގުތަކުގައި އުޅެވޭނެ ކަހަލަ ގޮތެއް ވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

އެހެންކަމުން ކޮވިޑްގެ ހާލަތުގައި ވެސް ބޭރަށް ނުކުމެ އުޅުމާއި ވެހިކަލް ދުއްވުން މަނާ ގަޑިތަކުގައި ވެސް މެންބަރުންނަށް ވެހިކަލް ދުއްވޭނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސައި ދެއްވުމަށް އެދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސިޓީއެއް ފޮނުވަން އާންމު ކޮމިޓީން މިއަދު ވަނީ ފާސްކޮށްފައެވެ.

މާލެ ސަރަހައްދުގައި ކޮމިޑް ބަލިމަޑުކަން ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ވަނީ އާންމުން ބޭރަށް ނުކުތުން މަނާ ވަގުތެއްގެ ގޮތުގައި ރޭގަނޑު 11:00 އިން ހެނދުނު 6:00 އަށް ހަމަޖައްސާފައެވެ. އަދި އެއްގަމު އުޅަނދު ދުއްވުން މަނާ ވަގުތެއްގެ ގޮތުގައި ވަނީ އިރުއޮއްސި 6:00 އިން ފެށިގެން ހެނދުނު 6:00 އަށް ހަމަޖައްސާފައެވެ. މި ގަޑިތަކުގައި ބޭރަށް ނުކުމެވެނީ ހާއްސަ ހުއްދައެއް ހޯދައިގެންނެވެ.

ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކުގައި އާންމު ރައްޔިތުން ތާށިވެފައި ވާއިރު މަޖިލީހުގެ ބައެއް މެންބަރުން އެކި އެކި ކަމުގައި މިހާރުވެސް މާލެ ތެރޭގައި އުޅޭކަން ފާހަގަ ކުރެވެއެވެ.