ކުރިއަށް އޮތް ރޯދަ މަހުގެ ރަސްމީ މަސައްކަތު ގަޑިއާއި، ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ހެނދުނު 9:00 އިން ފެށިގެން މެންދުރުފަހު 1:00 އަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ހަމަޖައްސަވައިފިއެވެ.

އެކަން ހާމަކޮށްފައި ވަނީ، ރޯދަ މަހުގެ ރަސްމީ މަސައްކަތު ގަޑި ހަމަޖައްސާ، ރައީސް އޮފީހުން މިއަދު ނެރުނު ދެންނެވުމެއްގައެވެ.

ރައީސް އޮފިހުން ބުނީ ރޯދަ މަހުގެ ރަސްމީގަޑި އާއި ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑި އެގޮތަށް ހަމަޖެއްސި ނަމަވެސް ރާއްޖޭގައި ކޮވިޑް ފެތުރުން އިތުރުވެފައި ވުމާއެކު، ސަރުކާރުގެ އިދާރާތައް އާންމުކޮށް ހުޅުވައިގެން މަސައްކަތް ކުރުމުގައި އަމަލުކުރަން ޖެހޭ ކަމަށް ބަޔާންކޮށްފައި ވާ އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރުމަށް ރައީސް އިލްތިމާސް ކުރައްވާފައިވާ ކަމަށެވެ.

ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން، ސަރުކާރުގެ އިދާރާތަކުން މަސައްކަތް ކުރަންވީ އުސޫލުގައި ބުނާ ގޮތުން އެއްފަހަރާ ވީހާ ވެސް މަދު މުވައްޒަފުން އޮފީހަށް ނެރެގެން މަސައްކަތް ކުރެވޭނެ ގޮތަށް މަސައްކަތްތައް ރޭވުމަށް ވަނީ ބުނެފައެވެ، އަދި ގޭގައި ކުރެވެން ހުންނަ މަސައްކަތްތައް ގޭގައި ކުރުމަށް ވެސް އެ އުސޫލުގައި ބުނެއެވެ.

މި އަހަރުގެ ރޯދަ މަސް ފެށޭނީ ކަލަންޑަރުގައި ވާ ގޮތުން އަންނަ މަހުގެ 12 ވަނަ ދުވަހުއެވެ.