އާސަންދައިން ބޭސް ދޫކުރާ ބައެއް ފިހާރަތަކުން މަކަރު ހަދާ މައްސަލަތަކެއް ފާހަގަ ކުރެވިފައިވާ ކަމަށް އާސަންދަ ކުންފުނިން ބުނެފިއެވެ.
އާސަންދައިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އާސަންދަ ސްކީމްގެ ދަށުން ދޫކުރާ ބޭސް ހަަމަ އަގަށް ގެނައުމަށް އާސަންދަ ކުންފުނިން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
އާސަންދަ ސްކީމްގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރެވެނީ ބޭސްފިހާރަ ތަކަށް ކަމަށް ވީހިނދު، ކޮންމެ ބޭހެއް ވެސް ދިވެހިރާއްޖޭގައި ވިއްކޭނޭ އެންމެ މަތީ އަގު، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އަދި މިގައުމުގަ ކަނޑައަޅާފަ ނުވިނަމަވެސް، އެއް ބޭހެއް އެކި ބޭސްފިހާރަ ތަކުން އެކި އަގުގައި ވިއްކަމުން ދާ މައްސަލަ ހައްލުކުރުމަށް ސްކީމްގެ ތެރެއިން ބޭސް ދޫކުރުމަށް ހުރިހާ ބޭހަކަށް ވަކި އަގުތަކެއް ފާއިތުވީ އަހަރުތަކުގެ ތެރޭގައި އާސަންދައިން ކަނޑައަޅާފައިވާ ކަމަށް އާސަންދައިން ބުނެއެވެ.
އެގޮތުން އޮކްޓޫބަރު 2019 ގައި، އޭރު އާސަންދަ ސްކީމްގެ ދަށުން ހިދުމަތް ދެމުން ދިޔަ ހުރިހާ ބޭސްފިހާރައެއްގެ އެގްރީމެންޓް އާކޮށް ސޮއެކުރުމާއެކު، އެއް ބޭހެއް އެކި ބޭސްފިހާރައިން އެކި އަގުގައި ސްކީމްގެ ދަށުން ދޫކުރުމުގެ ބަދަލުގައި، ކޮންމެ ބޭސްފިހާރަ އަކުން ވެސް އެއް ބޭހެއް ސްކީމްގެ ތެރެއިން ދޫކުރެވޭނީ އެއް އަގަކަށް ކަމަށް ހަމަޖެހިގެން ދިޔަ ކަމަށް އާސަންދަިން ވަނީ ބުނެފައެވެ.
އާސަންދައިން ބުނީ އެމްއެފްޑީއޭ އިން ކޮންމެ ބޭހެއް ވެސް ވިއްކޭނެ އެންމެ މަތީ އަގު ކަނޑައެޅުމުން ވެސް، އާސަންދަ ސްކީމްގެ ތެރެއިން މިވަގުތު ދޫކުރުމަށް ރަޖިސްޓްރީ ކުރެވިފައިވާ ތިންހާހަށް ވުރެ ގިނަ ބޭސް، ބޭސްފިހާރަ ތަކުން ލިބެން ހުންނަނަމަ، ސްކީމްގެ ތެރެއިން ފޯރުކޮށްދެވޭނެ ކަމަށެވެ.
ބޭސް ވިއްކޭނެ އެންމެ މަތީ އަގު ކަނޑައަޅަނީ ވަކިވަކި ބޭހަށްކަމުން، ކޮންމެ ޖެނެރިކެއްގެވެސް ސްޓްރެންތާއި ޑޯސޭޖް ފޯމް ދިމާވާނަމަ، މިހާރު ވެސް އާސަންދަ ޕޯޓަލްގެ ތެރެއިން އެބޭސްތައް ފެންނަން ހުންނާނެ ކަމަށް އާސަންދައިން ބުނެއެވެ. އަދި މިހާރު ވެސް އެއް ޖެނެރިކެއްގެ އެ ކެޓެގަރީގައި ހިމެނޭ، ރަޖިސްޓާ ކުރެވިފައިވާ ބޭހެއް ނަމަ، ޕޯޓަލްގެ ތެރެއިން ދޫކުރެވެނީ އެބޭހަކަށް ކަނޑައެޅިފައިވާ އަގުގައި ކަމަށް އާސަންދައިން ވަނީ ބުނެފައެވެ.
އާސަންދައިން ބުނީ ސްކީމްގެ ހަރަދުކުޑަކުރުމަށް، ސްކީމްގެ ތެރެއިން ދޫކުރެވޭ ބޭހުގެ އަގުތައް ރިވިއުކުރުމުގެ މަސައްކަތަކީ އާސަންދައިން އަބަދު ވެސް ކުރަމުންދާ މަސައްކަތެ ކަމަށާއި އެމަސައްކަތުގެ ތެރެއިން، އަގުގެ ފަރަގު ފާހަގަކުރެވޭ ބޭސްތައް އެތެރެކުރާ ފަރާތްތަކާއި އެކު އަގު ކުޑަކުރުމަށް އަބަދު ވެސް މަޝްވަރާ ކުރާ ކަމަށެވެ. އަދި މިހާރު ވެސް އެފަދަ އެތައް ބޭހެއް ހަމަ އަގަށް ގެނައުމަށްޓަކައި އާސަންދަ ކުންފުނިން ބޭސް އެތެރެކުރާ ފަރާތްތަކާ މަޝްވަރާކޮށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އާސަންދައިން ބުނެއެވެ.
އެހެން ނަމަވެސް ބައެއް ބޭސްތަކަކީ ވަކި ބަޔަކަށް މާކެޓް އެކްސްކޫލިސިވިޓީ ދެވިފައިވާ ބޭސްތަކަކަށްވުމުން، އެފަދަ ބޭސްތައް ހަމައަގަށް ގެނައުމުގައި އާސަންދައަށް ވެސް ދަތިތަކާއި ކުރިމަތިވެފައިވާ ކަމަށް އެކުންފުނިން ބުނެއެވެ. ނަމަވެސް، ފާއިތުވެދިޔަ 2020 ވަނަ އަހަރުގެ ތެރޭގައި އެފަދަ މާކެޓް އެކްސްކްލޫސިވިޓީ ދެވިފައިވާ ބޭހެއް ކަމަށްވާ ޒޮވަންޓާ ބޭހުގެ އަގަށް ބަދަލު ގެނައުމަށް އެ ބޭސް އެތެރެކުރާ ފަރާތާއި އެކު މަޝްވަރާކޮށް، ވަނީ އެކަން ކާމިޔާބުކޮށްފައި ކަމަށް އާސަންދައިން ވަނީ ބުނެފައެވެ. އެގޮތުން އެންމެ ބޭހެއްގެ އަގަށް އެ ގެނެވުނު ބަދަލުގެ ސަބަބުން ވެސް، އަހަރަކު ގާތްގަޑަކަށް 12 މިލިޔަން ރުފިޔާ ސްކީމް ހަރަދުން ކުޑަކުރެވޭނެ ކަމަށް އާސަންދައިން ބުނެއެވެ.
އާސަންދައިން ބުނީ ބޭސް ދޫކުރުމުގައި ބައެއް ފާމަސީތަކުން ބަލިމީހާއަށް އަގު ދަށް ބޭސް ދޫކުރުމަށްފަހު އަގު ބޮޑު ބޭހަށް އާސަންދައަށް ބިލް ކުރާކަން ވެސް ފާއިތުވީ އަހަރުތަކުގެ ތެރޭގައި ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ބައެއް ފަހަރު ދިގު މުއްދަތަށް ބޭސްކުރާ ފަރާތްތަކަށް ތިން މަސްދުވަހަށް ޑޮކްޓަރު ލިޔެދޭ ބޭސް ސިޓީއަށް ދެ މަސް ދުވަހަށް ބޭސް ދޫކުރުމަށްފަހު، ތިން މަސް ދުވަހުގެ ބޭހަށް އާސަންދައަށް ބިލްކުރުން ފަދަ ފްރޯޑް މައްސަލަތައް ވެސް ފާހަގަކުރެވި އެފަދަ މައްސަލަތައް ބެލުމަށްފަހު، އޮންނަ އުސޫލުގެ ތެރެއިން ފިޔަވަޅު އަޅާފައިވާ ކަމަށެވެ.
އާސަންދައިން ބުނީ އެފަދަ މައްސަލަތަކަށް ހައްލެއް ހޯދުމުގެ ގޮތުންނާއި ސްކީމްގެ ހިދުމަތްތައް ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ފޯރުކޮށްދިނުމަށް އާސަންދަ މޮބައިލް އެޕްލިކޭޝަނެއް ތައާރަފް ކޮށްފައިވާ ކަމަށެވެ.
އޭގެ އިތުރުން އާސަންދައިގެ 'ވިނަވި' ޕޯޓަލް ބޭނުންކުރާ ހުރިހާ މަރުކަޒަކުން، ސްކީމްގެ ދަށުން ކޮންމެ ރައްޔިތަކުވެސް ހޯދާ ހިދުމަތްތަކާ ނަގާފައިވާ ބޭސްތައް އެޕް މެދުވެރިކޮށް ޗެކްކުރެވޭނެ ކަމަށް އާސަންދައިން ބުނެއެވެ. އެގޮތަށް ޗެކްކުރާއިރު ޝައްކު އުފެދޭ އެއްވެސް ކަމެއް ފާހަގަވާނަމަ އެޕް މެދުވެރިކޮށް އާސަންދައަށް ޝަކުވާ ހުށަހެޅޭނެ ކަމަށް އާސަންދައިން ބުނެއެވެ.