ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ ހުރިހާ ކެނޑިޑޭޓުންނަށް ހަމަހަމަ ފުރުސަތެއް ނުލިބޭ ކަމަށް ފާހަގަކޮށް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު މަޖިލީހަށް އެ މައްސަލަ ހުށަހަޅުއްވަމުން ވިދާޅުވީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންތަކުން ސިޔާސީ މަންފާ އެންމެ ފުޅާ މިނުގައި ނަގައި ސަރުކާރުގެ ވަޒީރުންނާއި ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެންބަރުންނާއި ކުންފުނިތަކުގެ ވެރިން ކަރަންޓީނުނުވެ ސިޔާސީ ހަރަކާތްތައް ހިންގުމަކީ ސަރުކާރުން ލޯކަލް ކައުންސިލް އިންތިހާބަށް ނުފޫޒް ފޯރުވުމުގެ ފުރުސަތު އޮތް ކަމެއް ކަމަށް ބެެލެވެން އޮތް ކަމަށެވެ.
އެހެންކަމުން ގާނޫނޫ އަސާސީ ލާޒިމްކުރާ ހަމަހަަމަ ފުރުސަތުތަކެއް ފަހިކޮށްދީ އިންތިހާބުގައި ވާދަ ކުރާ ހުރިހާ ޕާޓީތަކަށް ހަމަހަމަ ފުރުސަތުތައް ދިނުމަށް ސައީދު އެދިވަޑައިގަތެވެ.
އެ މައްސަލައިގެ ބަހުސް މަޖިލީހުގައި ފަށާފައިވާއިރު، އެޗްޕީއޭގެ ގައިޑްލައިންތަކުގެ ދަށުން ކައުންސިލް އިންތިހާބަށް ކެމްޕޭނަށް ރަށްރަށަށް ދާ ފަރާތްތަކުން ކަރަންޓީން ވާން ޖެހުނު ނަމަވެސް ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން ކަރަންޓީން ނުވެ ކެމްޕޭން ކުރަމުންދާ މައްސަލަ ވަނީ ފެންމަތިވެފައެވެ. އެގޮތުން އިދިކޮޅު ސިޔާސީ ފަރާތަތްކުން ވަނީ އުނގޫފާރުން ކޮވިޑް ކޭސްތަކެއް ފެނުމާއި ގުޅިގެން އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާކަން ފާހަގަ ކޮށްފައެވެ.