މަޝްހޫރު ސޯޝަލް މީޑިއާ ކުންފުނި ޓްވިޓާގެ ޗީފް އެގްޒެކެޓިވް އޮފިސާ، ޖެކް ޑޯސީގެ ފުރަތަމަ ޓްވީޓް، 2.9 މިލިއަން ޑޮލަރަށް ވިއްކާލައިފިއެވެ.

މި ޓްވީޓް ވިއްކާލާފައި ވަނީ، މިހާރު މަގުބޫލު ވަމުން އަންނަ ޑިޖިޓަލް އެސެޓެއް ކަމަށްވާ، ނޮން-ފަންޖިބަލް ޓޯކަން (އެންއެފްޓީ)އެއްގެ ގޮތުގައެވެ.

ޑޯސީ އެންމެ ފުރަތަމަ ޓްވީޓެއް ކުރީ މާޗް 22، 2006 ގައެވެ. އެ ޓްވީޓްގައި ޑޯސީ ބުނެފައި ވަނީ އޭނާގެ ޓްވިޓާ އެކައުންޓް ސެޓް ކުރަމުން އަންނަ ވާހަކައެވެ.

މި ޓްވީޓް ވިއްކާލާފައި ވަނީ، އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ސެންޓް އިން ހިންގާ "ވެލިއުބަލްސް" ނީލަމުގައެވެ. މި ނީލަމުގައި ޑޯސީގެ ޓްވީޓް ގަނެފައިވަނީ ޒަމާނީ ފައިސާ، ކްރިޕްޓޯކަރަންސީ (އެދާ) ބޭނުން ކޮށްގެންނެވެ. މި ޓްވީޓް ވިއްކާލީ 1630.5825601 އީޓީއެޗް އަށެވެ. އެއީ ވިއްކާލި ވަގުތުގެ ޑޮލަރު ރޭޓުން ބަލާނަމަ، 2915835.47 ޑޮލަރެވެ.

ޑޯސީގެ ފުރަތަމަ ޓްވީޓް ގަނެފައި ވަނީ، މެލޭޝިއާގައި ހުރި ސީނާ އެސްތާވީ ނަމަކަށް ކިއާ މީހެކެވެ. އޭނާ ބުނާ ގޮތުގައި އެނާއަކީ ބްލޮކް ޗެއިން ކުންފުންޏެއް ކަމަށްވާ ބްރިޖް އޮރަކަލް ގެ ސީއީއޯއެވެ.

އޭނާގެ ފުރަތަމަ ޓްވިޓް ވިއްކާލާކަން ޑޯސީ އިއުލާން ކުރީ މާޗް 6 ވަނަ ދުވަހުއެވެ. އަދި ޓްވީޓް ވިއްކައިގެން ލިބޭ ފައިސާ ހަދިޔާ ކުރާނީ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ސަބަބުން އެފްރިކާއިން އަސަރު ފޯރާފައިވާ މީހުންނަށް ކަމަށްވެސް ޑޯސީ ވަނީ ބުނެފައެވެ.