ގާތްގަނޑަކަށް 6 އަހަރެއްހާ ދުވަހަށް ދިގުލާ ގޮސްފައި ވާ ޔަމަން ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް، ސައުދީ އަރަބިއްޔާއިން، ސުލްހައިގެ އާ ޕްލޭނެއް ހުށަހަޅައިފިއެވެ.

މި ޕްލޭނަކީ، ސައުދީގެ އެއްބާރުލުމާއެކު ހަރަކާތްތެރިވަމުންދާ ޔަމަނުގެ ސަރުކާރު ފެކްޝަނާއި، އީރާނުގެ އެއްބާރުލުމާއެކު ހަނގުރާމަ ކުރަމުންދާ ހޫތީންނާ ދެމެދު، އދގެ ބެލުމުގެ ދަށުން، ހަމަލާ ބަދަލު ކުރުން ހުއްޓާލުމަށް ބާރު ދޭ ޕްލޭނެކެވެ.

މީގެ އިތުރުން، ކަނޑާއި ވައިގެ މުހިންމު މަގުތަކެއް އަލުން ހުޅުވާލުމާ، ސިޔާސީ މަޝްވަރާތައް ފެށުމަށްވެސް މި ޕްލޭން ބާރު އަޅައެވެ.

ސައުދީގެ ވެރިރަށް ރިޔާދުގައި މި ޕްލޭން ހުށަހަޅާދެއްވީ ސައުދީގެ ފޮރިން މިނިސްޓަރު، ޕްރިންސް ފައިސަލް ބިން ފަރްހާންއެވެ. އޭނާ ވަނީ، މި ޕްލޭން ބަލައިގަތުމަށް، ހޫތީންނަށް ގޮވާލައްވާފައެވެ.

ޔަމަނު ހަނގުރާމާގައި މަރުވި މީހުންގެ އަދަދު 100000 އަށްވުރެ މައްޗަށް އަރާ / ފައިލް ފޮޓޯ: ޚާލިދު ޢަބްދުﷲ

ޔަމަނުގެ ބޮޑު ސަރަހައްދެއްގެ ކޮންޓްރޯލް މިހާރު ނަގައިގެން އޮތް ހޫތީން ބުނީ، މި ޕްލޭނަކީ ކަނޑާއި ވައިގެ މަގުން ބަންދުކޮށްފައިވާ ސަރަހައްދުތައް އަލުން ހުޅުވަން ބާރު ދޭ ވަރުގެ ޕްލޭނެއް ނޫން ކަމަށެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގެންފައިވާ ޔަމަނުގެ މައި ސަރުކާރުން ވަނީ ސައުދީގެ ޕްލޭނަށް މަރުހަބާ ކިޔާފައެވެ.

ސައުދީގެ އޮފިޝަލުން ވިދާލުވީ، އދއާއި އެމެރިކާއާ ގުޅިގެންވެސް މަޝްވަރާތައް ކުރިއަށް ގެންދާ ކަމަށެވެ. ކަން މިހެން އޮތްއިރު، މުޅި ގައުމުގައި ހަމަލާ ބަދަލު ކުރުން ހުއްޓާލުމަށް އެމެރިކާއިން ހުށަހެޅި ހުށަހެޅުމަކަށްވެސް ހޫތީން ދާދި ފަހުން ވަނީ އިންކާރު ކޮށްފައި ކަން ފާހަގަ ކުރަންޖެހެއެވެ.

ހަމަލާ ބަދަލު ކުރުން ހުއްޓާލުމަށް ސައުދީއިން އާ ޕްލޭނެއް ހުށަހަޅާފައި މިވަނީ، ސައުދީ ހަކަތައާއި ސަލާމަތާ ބެހޭ ސިނާއީ އުމްރާނީ އަމާޒުތަކަށް، ހޫތީންދޭ މިސައިލްއާއި ޑްރޯން ހަމަލާތައް އިތުރު ވަމުން އަންނަ ދަނޑިވަޅެއްގައެވެ. މި ހަމަލާތަކުގެ ރައްދުގައި ސައުދީ ކޯލިޝަނުންވެސް ދަނީ ޔަމަނަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.

ހަނގުރާމަ ދިގުލާ ގޮސްފައިވާ ޔަމަނުގައި ކޮވިޑް-19 އަށް އިންފެކްޓްވި މީހުންގެ ތެރެއިން 4 ބައިކުޅަ 1 ބައި މީހުން އެބަލީގައި މަރުވި/ފޮޓޯ: ގެޓީއިމޭޖަޒް

ޔަމަނު ހަނގުރާމައަށް ސުލްހަވެރި ހައްލެއް ގެނައުމަށް ތަކުރާރުކޮށް ކުރެވުނު މަސައްކަތްތައް އަދި ކާމިޔާބު ވާ ގޮތެއް ނުވެއެވެ. މިދިޔަ އަހަރުވެސް ސައުދީއިން މިފަދަ ޕްލޭނެއް އެކުލަވާލިއެވެ. ނަމަވެސް އެ ޕްލޭންވެސް ކާމިޔާބު ވާ ގޮތެއް ނުވިއެވެ.

2014 ވަނަ އަހަރު ޔަމަނުގައި ހަމަނުޖެހުން އުފެދުނީ، ހަނގުރާމަވެރިންތަކެއް ޔަމަނުގެ ހުޅަނގުގެ ސަރަހައްދުތަކެއްގެ ކޮންޓްރޯލް ނެގުމުންނެވެ. އޭގެ ފަހުން، 2015 ވަނަ އަހަރު، ހަނގުރާމަ ގަދަވީ، ރައީސް އަބްދުރައްބު މަންސޫރު ހާދީގެ ވެރިކަން ނެގެހެއްޓުމަށް، ސައުދީ އިސްވެ އޮވެ ހެދި ކޯލިޝަނުން، ހަނގުރާމަވެރިންނަށް ހަމަލާ ދޭން ފެށުމުންނެވެ.