ކޮންސްޓްރަކްޝަން ދާއިރާގައި ނަން މަޝްހޫރު ކުންފުނި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އިން އެ ކުންފުނީގެ މުވައްޒަފުންނަށް މިދިޔަ އަހަރުގެ އަހަރީ ބޯނަސްގެ ގޮތުގައި އެއް މަހުގެ މުސާރަ ދޭން ނިންމައިފިއެވެ.
އެ ކުންފުނިން ބުނީ ކޮވިޑް-19 ގެ ބަލިމަޑިކަމުގައި ދުނިޔެއާއި ރާއްޖެއަށް ކުރިމަތިވި އިގްތިސާދީ ގޮންޖެހުމުގައި އެ ކުންފުންޏަށްވެސް މާލީގޮތުން ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ. ނަމަވެސް މުވައްޒަފުންގެ ހިއްވަރުގެ އަގުވަޒަން ކުރުމަށްޓަކައި، އެއް މަހުގެ މުސާރަ ބޯނަސްގެ ގޮތުގައި ދޭން ނިންމައިފައި ވާ ކަމަށެވެ.
އެ ކުންފުންޏަކީ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމްގެ އާއިލީ ކުންފުންޏެކެވެ.
އެކަމާ ގުޅިގެން ނާޒިމް ވިދާޅުވީ އަހަރީ ބޯނަސްގެ ގޮތުގައި އެއް މަސްދުވަހުގެ މުސާރަ ދޭން ނިންމާފައި ވަނީ މުވައްޒަފުންނަކީ އެ ކުންފުނީގެ އެންމެ ބޮޑު އެއް ރައުސްމާލް ކަމަށް ވާތީ ކަމަށެވެ. މުވައްޒަފުންނަށް އެއް މަހުގެ މުސާރަ ބޯނަސްގެ ގޮތުގައި ދެއްވުމަކީ ލިބިވަޑައިގަންނަވާ އުފަލެއް ކަމަށާއި މުވައްޒަފުންގެ ކަންކަމުގައި އާރްސީސީން އަބަދުވެސް ނަމޫނާ ދައްކާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އާރްސީސީއަކީ 1950 ގައި "ރަޝީދު ކާޕެންޓަރީ" ގެ ނަމުގައި ފެށި ކުޑަ ވަޑާން ގެއަކުން އުފެދުނު ވިޔަފާރިއެއްގެ ތެރެއިން އައި ކުންފުންޏެކެވެ. ކުންފުނީގެ ޗެއާމަން އަބްދުއްރަޝީދު ފެއްޓެވި އެ މަސައްކަތް ބޮޑު ކުންފުންޏަކަށް ބަދަލުވެ ކުންފުނީގެ މަސައްކަތްތައް މިހާރު ބަލަހައްޓަނީ އޭނާގެ ކޮއްކޮ އިބްރާހިމް ރަޝީދާއި އޭނާގެ ދަރިކަލުން ނާޒިމާއި އާއިލާގެ ބައެއް އެހެން މެންބަރުންނެވެ. ރަޝީދު ނިޔާވެފައި ވަނީ މިދިޔަ އަހަރެވެ.