ކުރީގެ ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓާ މުހައްމަދު މަލީހު ޖަމާލު މިއަދު ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ކޮމިޓީއަށް ހާޒިރު ކުރުމުން، މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ދެކޮޅު ހައްދަވައިފިއެވެ.

މަލީހް އެ ކޮމިޓީއަށް ހާޒިރުކޮށްފައިވަނީ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްދިޔަ ދުވަހު މައްސަލައިގައި ޖަވާބު ދެއްވަމުން މަލީހު ދެއްކެވި ބައެއް ވާހަކަތަކާއި ގުޅިގެންނެވެ.

އެގޮތުން މަލީހު އެދުވަހު މަޖިލީހުގައި ވާހަކަ ދައްކަވަމުން ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް މަގާމުން އިސްތިއުފާ ދެއްވީ މަޖިލީހުން ބިރުދައްކައިގެން ކަމަށް ވަނީ ވިދާޅުވެފައެވެ.

އެމައްސަލާގައި މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި މަލީހު ވިދާޅުވީ މަޖިލީހުގައި އެއްވެސް ފަރާތަކުން ދައްކާ ވާހަކަ އަކާއި ގުޅިގެން ހާޒިރުކޮށް ސުވާލު ނުކުރެވޭނެ ކަމަށެވެ.

މަލީހް އެހެން ތަކުރާރުކޮށް ވާހަކަ ދެއްކުމުން ބައެއް މެމްބަރުންނާއި ކޮމިޓީގެ މުގައްރިރު ވަނީ ސުވާލުތަކަށް ޖަވާބު ދެއްވުމަށް އެދިފައެވެ. އެހެން ނަމަވެސް މަލީހް ވަނީ އެ ސުވާލުތަކަށް ޖަވާބު ދެއްވުމުގެ ބަދަލުގައި އޭނާ ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ނުކުރެވޭނެ ކަމަށް ތަކުރާކޮށް ވިދާޅުވެފައެވެ.

މަލީހު ކޮމެޓީއަށް ހާޒިރު ކުރުމުން، އޭނާގެ ދިފާއުގައި ދެ މެމްބަރަކު ވާހަކަފުޅު ދެއްކެވިއެވެ. އެއީ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓާ)އެވެ.