ކޮވިޑް-19އާ ގުޅިގެން ސަރުކާރުން ދައުލަތުގެ މުއައްސަސާތައް މެދުވެރިކޮށް ކޮށްފައިވާ ހަރަދުތަކުގެ ތެރެއިން ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) މެދުވެރިކޮށް ކުރި ހަރަދުތައް ކޮށްފައިވަނީ އެ ކުންފުނީގެ ޕްރޮކިއުމަންޓު ޕޮލިސީތަކާ ގައިޑުލައިންތަކާ އެއްގޮތަށް ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފިއެވެ.

އޮޑިޓާ ޖެނަރަލް އޮފީހުން އިއްޔެ އާއްމު ކުރި އެ އޮޑިޓް ރިޕޯޓަކީ މިނިސްޓްރީ އޮފް ފިނޭންސް އަދި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އެދިގެން ކުރެވުނު، ހާއްސަ އޮޑިޓެކެވެ.

އޮޑިޓް ރިޕޯޓުގައި ބުނީ ކޮވިޑާ ގުޅިގެން ރާއްޖޭގެ އެކި ހިސާބުތަކުގައި ތަރައްގީ ކުރި މެޑިކަލް ފެސިލިޓީތަކަށާއި ބިދޭސީން ބޭތިއްބުމަށް އެޅި ފެސިލިޓީތަކަށް ބޭނުންވާ މުދަލާއި ތަކެތި ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން އޯޑާ ކުރުމުން، އެ ތަކެތި ހޯދައި އެ ތަންތަނަށް ފޯރުކޮށްދިނުމުގައި މައިގަނޑު ގޮތެއްގައި އެސްޓީއޯގެ ޕްރޮކިއުމަންޓު ޕޮލިސީތަކާ ގައިޑުލައިންތަކާ އެއްގޮތަށް އަމަލުކޮށްފައިވާކަން ފާހަގަކުރެވޭ ކަމަށެވެ.

އެސްޓީއޯގެ އޮޑިޓް ރިޕޯޓްގެ ކުރިން އިދިކޮޅު ބައެއް ފަރާތްތަކުން ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވީނަމަވެސް ބައި ބިލިއަނެއްހާ ރުފިޔާގެ މުއާމަލާތް ހިންގާފާއިވާއިރު ހިޔާނާތުގެ އެއްވެސް ކަމެއް ނެތްކަމަށް އޮޑިޓުގައި ފާހަގަކޮށްފައިވެއެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތަކަށް އެހީތެރިވުމަށް ދައުލަތުގެ މުއައްސަސާތައް ގުޅިގެން އެކުލަވާލެވުނު ނެޝަނަލް ހެލްތު ރިކުއާމަންޓް ލިސްޓަށް ބޭނުންވާ މެޑިކަލް އިކުއިޕްމަންޓާއި ކޮންސިއުމަބަލްސް އާއި ފެސިލިޓީތައް އިމާރާތް ކުރުމަށް ބޭނުންކުރާ ތަކެއްޗާއި، ގޭބީސީ ތަކަށް ކޮންމެހެން ބޭނުންވާނެ ކާނާގެ ބާވަތްތައް ހޯދުމުގެ މަސައްކަތް ކޮށްފައިވަނީ އެސްޓީއޯ މެދުވެރިކޮށެވެ.

އެ ހަރަދުތަކުގެ ޖުމްލަ އަދަދު 490 މިލިއަން ރުފިޔާއަށް އަރައެވެ.