ޕާކިސްތާނުގެ މޯޓޯވޭއަކަށް ކާރު ހުއްޓި ހާލުގައި ޖެހިފައި އިން އަންހެނަކު، އޭނާގެ ދަރިންގެ ކުރިމަތީގައި ރޭޕް ކުރުމުގެ ޖަރީމާ ހިންގި 2 މީހުން މެރުމަށް، ޕާކިސްތާނުގެ ކޯޓަކުން ހުކުމް ކޮށްފިއެވެ.

ސެޕްޓެމްބަރު 9، 2020 ގައި، ޕާކިސްތާނުގެ ލާހޯރްގައި، ކާރުން ތެޔޮ ހުސްވެގެން ހާލުގައި ޖެހިފައި އިން އަންހެން މީހާ ރޭޕް ކުރި މައްސަލާގައި މަރުގެ ހުކުމް އިއްވާފައި ވަނީ އާބިދު މެހްލީއާއި ސަފްގަތު އަލީގެ މައްޗަށެވެ.

ޕެޓްރޯލް ހުސްވެގެން އިން ވަގުތު، މި 2 މީހުން ކާރު ފަޅާލާ، އެމީހުންގެ އަތުން ފޭރި، 2 ދަރިންގެ ކުރިމަތީގައި އަންހެން މީހާ ރޭޕް ކުރިއެވެ. އަދި ފަހުން ފުލުހަކު ވަނީ، އެހާ ލަސް ވަގުތެއްގައި އަންހެނަކު އެކަނި ދަތުރު ކުރަމުން ދިޔައީ ކީއްވެތޯ ސުވާލު އުފައްދާފައެވެ. މިކަމާ ގުޅިގެން އާންމުންގެ މެދުގައި ނަފްރަތުގެ ހުޅު ފަޅައިގެން ދިޔައެވެ.

ހޮނިހިރު ދުވަހު ކުރިއަށް ދިޔަ ޝަރީއަތުގެ މަޖިލީހުގައި، ޕާކިސްތާނުގެ ހާއްސަ ކޯޓުން ވަނީ، އާބިދު މެހްލީއާއި ޝަފްގަތު އަލީގެ މައްޗަށް، ގޭންގް ރޭޕް ކުރުމުގެ ކުށާ، ރަހީނު ކުރުމުގެ ކުށުގެ އިތުރުން، ވައްކަން ކުރުމާ، ޓެރަރިޒަމްގެ ކުށްވެސް ސާބިތު ކޮށްފައެވެ.

އާބިދު މެހްލީއާއި ޝަފްގަތު އަލީގެ ވަކީލުން ވަނީ މައްސަލަ އިސްތިއުނާފަށް ހުށަހަޅާނެ ކަމަށް ބުނެފައެވެ.

ރޭޕްގެ ޖަރީމާ ހިންގާ މީހުންނާ ދެކޮޅަށް ކުރިއަށް ގެންދާ ޝަރީއަތުގެ މަރުހަލާގެ ދުވެލި އަވަސްކޮށް، ހަރުކަށި އަދަބުތަކެއް ދިނުމަށް ބާރު ދޭ ގޮތަށް ޕާކިސްތާނުގައި އެކުލަވާލި "އެންޓި-ރޭޕް އޯޑިނަންސް" ނުވަތަ އަމުރު، ރައީސް އާރިފް އާލްވީ ތަސްދީގު ކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

އާލްވީ ތަސްދީގު ކުރެއްވި އަމުރާއެކު ޕާކިސްތާނުގައި ތަންފީޒު ކުރަންޖެހޭ ކަންތަކަށް ބަލާއިރު، ޖިންސީ ގޯނާއާއި ފުރައްސާރަ ކުރާ ފަރާތްތަކުގެ ގައުމީ ދަފުތަރެއް އެކުލަވާލުން، އަނިޔާ ލިބޭ މީހުންގެ ވަނަވަރު ސިއްރު ކުރުން އަދި ޖިންސީ ގޯނާ ކުރާ ފަރާތްތަކުގެ ތެރެއިން ބައެއް މީހުންގެ ޖިންސީ އެދުންވެރިކަން ކަނޑުވާލުން ފަދަ ކަންކަން ހިމެނެއެވެ.