ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ޔުނައިޓެޑް ރިޕަބްލިކް އޮފް ޓެންޒޭނިޔާގެ އާ ރައީސް ސަމިއާ ސުލޫހޫ ހަސަން އަށް ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ޔުނައިޓެޑް ރިޕަބްލިކް އޮފް ޓެންޒޭނިޔާގެ ރައީސްއަށް ތަހުނިޔާ ވިދާޅުވެ ރައީސް ފޮނުއްވި މެސެޖުގައި، ދިވެހިރާއްޖެއާއި ޓެންޒޭނިޔާގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުންތައް އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައިވެއެވެ.

އެގޮތުން ދެ ގައުމުގެ ދެމެދު ވިޔަފާރީގެ ރޮނގުންނާއި ކޮވިޑް-19 އިން ސަލާމަތް ވުމަށް ކުރަމުން ގެންދާ މަސައްކަތުގެ އިތުރުން މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާ ދެކޮޅަށް ބައިނަލްއަގްވާމީ މައިދާނުގައި ގުޅިގެން މަސައްކަތް ކުރުމުގައި ދިވެހި ސަރުކާރުން އެއްބާރުލުން ދެއްވާނެ ކަމަށް ރައީސް ވިދާޅިއެވެ.

ރައީސް އޮފީހުން ބުނީ ރައީސް މެސެޖު ނިންމަވާލައްވާފައި ވަނީ ޓެންޒޭނިޔާގެ ރައީސްއަށް ފުރިހަމަ ސިއްހަތެއް ދެއްވުމަށާއި، އެ ކަމަނާގެ ޒައާމަތުގައި އެ ގައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ތަރައްގީއަށް އެދިވަޑައިގަންނަވަމުން ކަމަށެވެ.