ދިޕާއީ ބާރަށް އަމާޒުކޮށް ޕްރޮޕެގެންޑާ ފަތުރަން ފުރުސަތު ނުދޭނެ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.

ޑިފެންސް މިނިސްޓްރީން އެހެން ބުނެފައި މިވަނީ އުތުރު ތިލަފަޅު ތަރައްގީ ކުރަން ރާއްޖެ އާއި އިންޑިއާ އިން ސޮއިކޮށްފައި ވާ އެއްބަސްވުމެއްގެ ކޮޕީއެއް ކަމަށް ބުނެ ދައުރު ކުރަމުން ދިޔަ ލިޔުންތަކާ ގުޅިގެން ގައުމީ ދިފާއީ ބާރުގެ އިސްވެރިންނަށް ތަފާތު އެކި ތުހުމަތުތައް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ޑިފެންސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ގައުމީ ދިފާއީ ބާރުގެ އިސް އޮފިސަރުންގެ އަގު ވައްޓާލާ، ކުރި ހުވަޔާއި ހިލާފުވާނެ ބައެއްގެ ގޮތުގައި ދައްކާ، ޒިންމާދާރު މީޑިއާއަކުން ނުކުރާނެ ފަދަ ދަށު ދަރަޖައިގެ ހަޑިހުތުރު އަމަލުތައް ބައެއް މަދު މީޑިއާ ތަކުންނާއި ބައެއް ސިޔާސީ ފަރާތްތަކުން ކުރަމުން ގެންދާ ގެންދިއުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

އޭގެ އިތުރުން ރާއްޖޭގެ ގައުމީ ދިފާއީ ބާރަށް އަމާޒުކޮށް، ހަގީގަތާ ހިލާފު ޕްރޮޕެގެންޑާ ފަތުރާ، ރިޝްވަތުގެ ހުތުރު އިލްޒާމް އަޅުވާ، ޒަމާނުއްސުރެ ދިވެހި އަސްކަރިއްޔާއަށް ދިވެހި ރައްޔިތުންގެ ހިތްތަކުގައި އޮންނަ އިތުބާރާއި އިހްތިރާމާއި ގަދަރު ނަގާލުމަށް ކުރަމުން ގެންދާ މަސައްކަތަށް ފުރުސަތު ނުދޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނީ ދިވެހި އަސްކަރިއްޔާގެ އިސް މަގާމުތަކުގައި ތިއްބެވި ފަރާތްތަކަކީ ގައުމީ ހިދުމަތުގައި އިހްލާސްތެރި ކަމާއި ތެދުވެރި ކަމާއެކު އެތައް އަހަރުތަގެއްގެ އަގުހުރި ހިދުމަ ތްތަކެއް މި ގައުމަށާއި ރައްޔިތުންނަށް ކޮށްދެއްވާ، ކޮށްދެއްވަމުން ގެންދަވާ، ދިވެހި ސަރުކާރުގެ ފުރިހަމަ އިތުބާރާއި އިހްތިރާމް ލިބިގެންވާ ފަރާތްތަކެއް ކަމަށެވެ.

އެކަމާ ގުޅިގެން ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ވިދާޅުވީ އެމްއެންޑީއެފް އަށް އަމާޒުކޮށް ހަގީގަތާ ހިލާފަށް ޕްރޮޕެގެންޑާ ފަތުރާ، ރިޝްވަތުގެ ހުތުރު އިލްޒާމު އަޅުވާ، ޒަމާނުންސުރެ ދިވެހި އަސްކަރިއްޔާ އަށް ރައްޔިތުންގެ ހިތްތަކުގައި އޮންނަ އިތުބާރާއި ގަދަރު ނަގާލުމަށް ކުރަމުން ގެންދާ މަސައްކަތައް ފުރުސަތު ނުދެއްވާނެ ކަމަށެވެ.

މިދިޔަ އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައިވާ ޑްރާފްޓަކީ އެއްވެސް އަސްލެއް އޮތް ލިޔުމެއް ނޫން ކަމަށާއި އެއީ ޑްރާފްޓެއް ކަމަށް ވެސް ގަބޫލެއް ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ޝަމާލްއާއި ސިފައިންގެ އިސް ޖެނެރަލުން އެހެން ވިދާޅުވެ ވާހަކަ ދެއްކެވީ، އުތުރު ތިލަފަޅުގެ އެއްބަސްވުން ކަމަށް ވިދާޅުވެ ކުރީގެ ހޯމް މިނިސްޓަރު އެގްރީމެންޓް ޑްރާފްޓުގެ ކޮޕީއެއް ސޯޝަލް މީޑިއާގައި އާންމު ކުރެއްވުމާ ގުޅިގެން ދިވެހި ސިފައިންނަށާއި ސަރުކާރަށް އަމާޒުވެގެން ދިޔަ ފާޑުކިޔުންތަކުގެ ސަބަބުންނެވެ.