މިއަހަރުގެ ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، ގައުމީ އިނާމާބެހޭ ކޮމިޓީން މިއަދު ހުޅުވާލައިފިއެވެ.

މި އަހަރުވެސް ގައުމީ އިނާމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި، އެހެން ފަރާތެއްގެ ނަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުންނާއި، ކުންފުނި، ޖަމްއިއްޔާ ޖަމާއަތް ފަދަ ތަންތަނުން ސަރުކާރުގެ އިދާރާއެއް މެދުވެރި ނުކޮށް، ނަން ހުށަހެޅޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އަދި ސަރުކާރުގެ އިދާރާތަކުންނާއި، މިނިވަން މުއައްސަސާ ތަކުން ވެސް ގައުމީ އިނާމަށް ނަން ހުށަހެޅޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. ގައުމީ އިނާމަށް ވަކިވަކި ފަރުދުންގެ ނަން ހުށަހަޅަން ވާނީ، އެކަމަށް ކަނޑައަޅާފައި ވާ ފޯމުގައެވެ. އަދި ކުންފުނި، ޖަމްއިއްޔާ ޖަމާއަތް ފަދަ ތަންތަނުން ނަން ހުށަހަޅާނީވެސް، އެކަމަށް ކަނޑައަޅާފައިވާ ފޯމުގައެވެ.

މި އަހަރު ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ، މިއަދުން ފެށިގެން މިއަހަރުގެ މޭ މަހުގެ 27 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 2:00 އާ ދެމެދު ކަމަށް ރައީސް އޮފީހުން ބުނެއެވެ.

އަދި އިނާމަށް ނަން ހުށަހަޅާ ފޯމާއި، ފޯމާއެކު ހުށަހަޅަން ޖެހޭ އެހެނިހެން މައުލޫމާތާއި ތަކެތި ފޮނުވަން ޖެހެނީ، ”ގައުމީ އިނާމާބެހޭ ކޮމިޓީ“ އަށް އެޑްރެސް ކޮށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ.

މި އަހަރުގެ ގައުމީ އިނާމުވެސް 33 ދާއިރާއަކުން ދިނުމަށް ވަނީ ހަމަޖައްސާފައެވެ.

މިދިޔަ އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު 14 ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމު 24 ބޭފުޅަކަށް ވަނީ ދީފައެވެ. މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ހާއްސަ އިނާމު، މިދިޔަ އަހަރު 20 ބޭފުޅަކު ހޯއްދެވިއެވެ. މީގެ އިތުރުން ކީރިތި ގުރްއާން ހިތުދަސްކޮށް 1 ވަނަ ދަރަޖައިގައި ފާސްވި 4 ހާފިޒުންނަށް ރައީސް ދެއްވާ ހާއްސަ މެޑެލް ވެސް މިދިޔަ އަހަރު ވަނީ ދީފައެވެ.