ޕެޑާއި ގުޅޭ ގޮތުން ދެއްކި ވާހަކަތަކަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސޭން) ކަނބަލުންގެ ކިބައިން މާފަށް އެދިއްޖެއެވެ.

މިދިޔަ ހޯމަ ދުވަހު އޮތް ރައްޔިތުން މަޖިލީހުގެ ޖަލްސާގައި އަނދުން ހުސައިން ވަނީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު މަޖިލީހަށް ވަޑައިގަންނަވަނީ ޕެޑު ޖައްސަވައިގެން ކަމަށް ވިދާޅުވެފައެވެ.

އަޅުގަނޑުމެންނަށް ފެނޭ ކިތަންމެ ދުވަހަކު، އާދަމް ޝަރީފް ވަޑައިގަންނަވާ އިރު ފެޑް ޖައްސަވާފައި ހުންނަވާ ތަން. ފަހަތުން ތެމިފަ، ލޭ ތެމިފައި
މެންބަރު ހުސައިން ޝަހީމް (އަނދުން ހުސޭން)

އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން އަނދުން ހުސައިނަށް އަމާޒުވެފައިވާއިރު އޭނާ ވަނީ އެވާހަކަތަކަށް މާފަށް އެދިފައެވެ.

އެގޮތުން އަނދުން ހުސެއިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކަނބަލުންނަށް ނިސްބަވްތާ ފަދަ ގޮތަކަށް ދެކެވުނު ވާހަކައަށް މައާފަށް އެދޭ ކަަމަށެވެ. އަދި އެއީ ބަލައިނުގަނެވޭ ފަދަ ވާހަކައެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އަނދުން ހުސެއިން އިތުރަށް ވިދާޅުވީ އެފަދަ ބަސްތަކަށް އިތުރަށް ސަމާލުވާނެ ކަމަށެވެ.