ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި، ބަންގްލަދޭޝްއަށް ވަޑައިގެންފިއެވެ.

އެ މަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަހުމަދާއި، ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންގެ ވަފުދެއް އެ ގައުމެއް ވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ރައީސް އޮފީހުން ބުނީ ވެރިރަށް ދާކާގެ ހަޒްރަތް ޝާހްޖަލާލް އިންޓާނޭޝަނަލް އެއާޕޯޓުން އެ މަނިކުފާނަށް މަރުހަބާ ވިދާޅުވީ ބަންގްލަދޭޝްގެ ރައީސް އެމްޑީ އަބްދުލް ހާމިދާއި، އަނބިކަނބަލުން ރާޝިދާ ހާމިދު ކަމަށެވެ.

ރައީސް ބަންގްލަދޭޝް އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

ރައީސް ދާކާއަށް ވަޑައިގެންނެވުމުން، އެ މަނިކުފާނަށް ބަންގްލަދޭޝް ސަރުކާރުން ވަރަށް ހޫނު މަރުހަބާއެއް ދެންނެވި ކަމަށް ރައީސް އޮފީހުން ބުނެއެވެ. އެގޮތުން މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެ ގައުމުގެ ގައުމީ ސަލާމް ކުޅުނު ކަމަށާއި އެއަށްފަހު 21 ބަޑީގެ ސަލާމެއް ވެސް އެރުވުނު ކަމަށް ރައިސް އޮފީހުން ބުނެއެވެ. އަދި އޭގެ ފަހުން ރައީސްގެ ޝަރަފުގައި އޮތް ގާޑް އޮފް އޮނާއެއް، އެ މަނިކުފާނު ބައްލަވާލެއްވި ކަމަށް ވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ރައީސް ބަންގްލަދޭޝް އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހުން ބުނީ ރައީސްގެ މި ދަތުރުފުޅުގައި، ބަންގްލަދޭޝްގެ ބާނީ ކަމުގައިވާ ޝައިހް މުޖީބުއްރަހްމާން އުފަންވެވަޑައިގަތްތާ 100 އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ ހާއްސަ އިހުތިފާލުތަކުގައި ބައިވެރިވެ ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާއާ އެ ގައުމުގެ ސަރުކާރުގެ އެހެނިހެން އިސް އޮފިޝަލުންނާ ބައްދަލުކުރައްވާ، ދެ ގައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް ބޭއްވެވުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.

މި ބައްދަލު ކުރެއްވުން ތަކުގައި، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަހުމަތްތެރި ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.

ރައީސް އޮފީހުން ބުނީ މި ދަތުރުފުޅުގައި ރައީސް ބަންގްލަދޭޝްގައި ދިރިއުޅޭ ދިވެހި އާއިލާތަކާ ބައްދަލު ކުރެއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.

ދިވެހިރާއްޖެއާއި ބަންގްލަދޭޝްއަކީ ޒަމާންވީ ގާތް ގުޅުންތަކެއް ދަމަހައްޓަމުންދާ ދެ ގައުމެވެ. ދެ ގައުމުގެ ދެމެދުގައި ދޭދޭ ގުޅުންތައް ރަސްމީކޮށް ގާއިމުކޮށްފައި ވަނީ ސެޕްޓެންބަރު 22، 1978 ގައެވެ.

ރައީސް އޮފީހުން ބުނީ ބަންގްލަދޭޝްއަކީ، މީހުން ބިނާކުރުމުގެ ރޮނގުން ދިވެހިރާއްޖެއަށް ގިނަގުނަ އެހީތަކެއް ފޯރުކޮށްދެމުންދާ ގައުމެއް ކަމަށާއި އަދި ކޮވިޑް-19 ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގައި ބަންގްލަދޭޝް ސަރުކާރުން ފޯރުކޮށްދެމުންދާ އެހީތެރިކަން ފާހަގަކުރެވޭ ކަމަށެވެ.

އެ ގޮތުން، 2020 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ބަންގްލަދޭޝް ސަރުކާރުން 100 ޓަނުގެ ކާބޯތަކެއްޗާއި، ބޭސްފަރުވާގެ ސާމާނު ރާއްޖެއަށް ހަދިޔާކުރި ކަމަށާއި އެއަށްފަހު ނުވަ ޓަނުގެ ކާބޯތަކެއްޗާއި، ބޭސްފަރުވާގެ ސާމާނާއި، ޕީޕީއީ ވައިގެ މަގުން ފޮނުވި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

އޭގެ އިތުރުން، ރައީސްގެ އެދިވަޑައިގެންނެވުމަކަށް، ބަންގްލަދޭޝް އެއާ ފޯސްގެ ސިއްހީ ހިދުމަތްތެރިންގެ ދެ ޓީމެއް ރާއްޖެއަށް ފޮނުވި ކަމަށާއި ފުރަތަމަ ޓީމު 2020 އޭޕްރިލް އިން މާޗަށް ރާއްޖޭގައި ހަރަކާތްތެރިވިއިރު، ދެވަނަ ޓީމު ރާއްޖެ އައީ މި އަހަރުގެ މާޗު މަހުގެ 3 ވަނަ ދުވަހު ކަމަށް ރައީސް އޮފީހުން ބުނެއެވެ. ރައީސް އޮފީހުން ބުނީ އެ ޓީމުން ވަނީ "ކޮވިޑް-19 ދިފާއު" ވެކްސިން ކެމްޕޭނުގައި އެހީތެރިކަން ފޯރުކޮށްދީފައި ކަމަށެވެ.