ރައްޔިތުން މަޖިލީހުގެ ރުހުން ނުލިބޭ މުއާހަދާއަކަށް އަމަލުކުރަން ލާޒިމެއް ނުވާނެ ކަމަށް މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

ބޮންޑޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބޭރުގެ ދައުލަތަކާއެކުވެވޭ އެއްބަސްވުމެއް ނުވަތަ މުއާހަދާއަކަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ނުލިބޭހާ ހިނދަކު ނުވަތަ ނުހޯދާހާ ހިނދަކު ދައުލަތުގެ ނަމުގައި ބަނދެވެވޭނެ އެއްވެސް ބަނދެވުމެއް ނުވަތަ ދައުލަތުން އެ މައްޗަށް އަމަލުކުރަން ލާޒިމުވާނެ އެއްބަސްވުމެއް ނޯންނާނެ ކަމަށެވެ.

ބޮންޑޭ އެހެން ވިދާޅުވެފައިވަނީ އުތުރު ތިލަފަޅުގައި ރާއްޖޭގެ ކޯސްޓް ގާޑަށާއި އެމްއެންޑީއެފްގެ ވައިގެ ބަޔަށް ހާއްސަ ފެސިލިޓީޒްއާ ބެހޭ ގޮތުން ރާއްޖެ އާއި އިންޑިއާ އިން ސޮއިކޮށްފައިވާ އެއްބަސްވުމެއްގެ ކޮޕީއެއް ކަމަށް ބުނެ ދައުރު ކުރަމުން ދިޔަ ލިޔުންތަކާ ގުޅިގެންނެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައިވާ އެ ޑްރާފްޓަކީ އެއްވެސް އަސްލެއް އޮތް ލިޔުމެއް ނޫން ކަމަށާއި އެއީ ޑްރާފްޓެއް ކަމަށް ވެސް ގަބޫލެއް ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ޝަމާލްގެ އިތުރުން އެ އެއްބަސްވުމުގައިވާ މައުލޫމާތު ކަމަށްބުނެ ފަތުރަމުންދާ ވާހަކަތައް ދޮގުކޮށް ޑިފެންސް މިނިސްޓްރީން ވެސް ވަނީ ބަޔާނެއް ނެރެފައެވެ.

އެގޮތުން ދިވެހިރާއްޖެއާއި އިންޑިއާ އާދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމެއް ކަމަށްބުނެ ދައުރުކުރަމުންދާ ލިޔެކިޔުންތަކަކީ ދޮގު ލިޔެކިޔުންތަކެއް ކަމަށާއި ދިވެހި ގައުމާއި ރައްޔިތުންގެ ސަލާމަތާއި، ދިވެހިރާއްޖޭގެ ސިޔާދަތާއި އިސްތިޤުލާލަށް އުނިކަމެއް އަތުވެދާނޭ އެއްވެސް ކަމަކަށް ދިވެހި އަސްކަރިއްޔާއިން ޖާގަ ނުދޭނެކަމުގެ ފުރިހަމަ ޔަގީންކަން އެންމެހައި ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށް އަރުވާ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެއެވެ.