ދުނިޔޭގެ އެންމެ ވަރުގަދަ ޓެލެކޮމިއުނިކޭޝަން ކުންފުނިތަކުގެ ލިސްޓުން ޓޮޕް 40 އަށް ރާއްޖޭގައި ޓެލެކޮމް ހިދުމަތް ދެމުން ގެންދާ ކުންފުނި އުރީދޫ މޯލްޑިވްސްގެ މައި ކުންފުނި، އުރީދޫ ގްރޫޕް އަރައިފިއެވެ.

ދުނިޔޭގައި މުއާސަލާތީ ކުންފުނިތައް ލިސްޓުކޮށް ގިންތި ކުރާ "ބްރޭންޑް ފައިނޭންސް" ގެ ޓެލެކޮމް 150، 2021 ގެ ރިޕޯޓާ ހަވާލާ ދީ އުރީދޫން ބުނީ، ދުނިޔޭގެ އެންމެ ވަރުގަދަ ޓެލެކޮމިއުނިކޭޝަން ކުންފުނިތަކުގެ ލިސްޓަށް އެ ކުންފުނި ހިމެނިފައިވާއިރު މި އަހަރު އެ ކުންފުންޏަށް ލިބިފައި ވަނީ ލިސްޓުގެ 40 ވަނަ ކަމަށެވެ. އޭގެ އިތުރުން އެ ކުންފުނީގެ ބްރޭންޑިން ވެލިއު ވަނީ 3.22 ބިލިއަން ޑޮލަރަށް އަރާފައި ކަމަށް ވެސް އުރީދޫ ގްރޫޕުން ބުނެއެވެ.

ބްރޭންޑް ފައިނޭންސްގެ ޓެލެކޮމް 150 ގައި މި އަހަރު އުރީދޫ ގްރޫޕަށް 40 ވަނަ ލިބިފައިވާއިރު، މިދިޔަ އަހަރާއި 2019 ވަނަ އަހަރު އެ ގްރޫޕަށް ލިބިފައި ވަނީ 41 ވަނައެވެ. އަދި 2018 ވަނަ އަހަރު ލިބިފައި ވަނީ 43 ވަނައެވެ. އަދި އުރީދޫ ބްރޭންޑުގެ ރޭޓިން މިހާރު ވަނީ "އޭއޭ ޕްލަސް" އަށް އަރާފައެވެ.

އުރީދޫ ގްރޫޕްގެ ޑެޕިއުޓީ ސީއީއޯ ޝެއިހް މުހައްމަދު ބިން އަބްދުﷲ އަލް ތާނީ

އުރީދޫ ގްރޫޕަށް ލިބުނު މި ކާމިޔާބީއާ ގުޅިގެން ވާހަކަ ދައްކަވަމުން އެ ގްރޫޕްގެ ޑެޕިއުޓީ ސީއީއޯ ޝެއިހް މުހައްމަދު ބިން އަބްދުﷲ އަލް ތާނީ ވިދާޅުވީ، މި އަހަރުވެސް ދުނިޔޭގެ އެންމެ ވަރުގަދަ މުއާސަލާތީ ކުންފުނީގެ ގޮތުގައި ހިމެނިގެން ދިއުމަކީ ފަހުރުވެރިވެވަޑައިގަންވާ ކަމެއް ކަމަށެވެ. ހަމައެއާއެކު މި އަހަރު ކުރިން އަހަރަށް ވުރެ ރޭންކިން މައްޗަށް ދިއުމަކީ އެއަށް ވުރެ ބޮޑު ފަހުރެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވިއެވެ.

އަދި 2020 ވަނަ އަހަރު މުޅި ދުނިޔެ ޕެންޑެމިކްއަކާ ކުރިމަތިލަމުން ދިޔަ އިރު އެ ކުންފުނިން ކަސްޓަމަރުންގެ ބޭނުންތައް އެންމެ ފުރިހަމައަށް ދިނުމަށް ކުރި މަސައްކަތް ފާހަގަކޮށް އޭނާ ވިދާޅުވީ، ކުރިއަށް އޮތް އަހަރކީވެސް އެފަދަ ކާމިޔާ އަހަރަކަށް ވެގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.