ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވަމުން ދިއުމާ އެކު އެސްޓީއޯއިން ތެލުގެ އަގަށް ބަދަލު ގެނެސްފިއެވެ.

އެސްޓީއޯއިން ބުނީ މީގެ ހަތަރު މަސް ކުރިން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު ހުރި މިންވަރާ އަޅާބަލާއިރު މިހާރު ތެޔޮ ފީފާއެއްގެ އަގު ދެގުނައަށް ބޮޑުވެފައިވާ ކަމަށެވެ.

އެގޮތުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް މިއައި ބޮޑު ބަދަލާއެކު، އެސްޓީއޯއިން ފޯރުކޮށްދެމުންދާ ތެލުގެ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ގެންދިއުމަށްޓަކައި މިއަދުން ފެށިގެން އެ ކުންފުނީގެ ސަބްސިޑިއަރީ ކުންފުނި ފިއުލް ސަޕްލައި މޯލްޑިވްސްގެ ޝެޑްތަކުން ވިއްކާ ތެލުގެ އަގަށް ބަދަލުތައް ގެނައުމަށް ނިންމާފައިވާ ކަމަށް އެސްޓީއޯއިން ބުނެއެވެ.

ކުރިން އެސްޓީއޯއިން ވިއްކަމުން އައި ޕެޓްރޯލް ލީޓަރެއްގެ އަގަކީ 8.44 ރުފިޔާއެވެ. ނަމަވެސް އަގަށް ގެނައި ބަދަލާއެކު މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް ލިބޭނީ 8.45 ރުފިޔާއަށެވެ.

އަދި އެސްޓީއޯއިން 9.19 ރުފިޔާއަށް ވިއްކަމުން އައި ޑީސަލް ލީޓަރެއްގެ އަގު ވަނީ 9.79 ރުފިޔާއަށް އަރާފައެވެ.

އެސްޓީއޯ އިން ވަނީ މިދިޔަ މަހު 21ގައި ވެސް ޕެޓްރޯލް އާއި ޑީސަލްގެ އަގު ބޮޑުކޮށްފައެވެ.