މިދިޔަ އަހަރުގެ ފަހުކޮޅު އިނގިރޭސިވިލާތުން ފެނުނު ކޮރޯނާވައިރަހުގެ އާ ވޭރިއަންޓް (B.1.1.7) އަކީ ހަމައެކަނި އިންތިހާ ހަލުވި މިނުގައި ފެތުރޭ ވޭރިއަންޓެއް ނޫން ކަމަށާ، އެއީ ކޮރޯނާވައިރަހުގެ އެހެން ވޭރިއަންޓްތަކާ އަޅާ ބަލާއިރު، އިންތިހާއަށް ނުރައްކާ ވެސް ބޮޑު ވޭރިއަންޓެއް ކަމަށް، އާ ދިރާސާއަކުން ދައްކައިފިއެވެ.
ޔޫކޭ ވޭރިއަންޓްގެ ނަމުން އާންމުކޮށް ނިސްބަތް ކުރާ މި ވޭރިއަންޓް، ދުނިޔޭގެ އެކި ކަންކޮޅުތަކަށް މިހާރު ވަނީ ފެތުރިފައެވެ. މި ވޭރިއަންޓަކީ ފުރާނައަށް ނުރައްކާ ވޭރިއަންޓެއް ކަމަށް ސައެންސްވެރިން ބުނަން ފެށިއެވެ. އެއީ ފިނި މޫސުމުގެ ދުވަސްވަރު އިނގިރޭސިވިލާތަށް، ކޮވިޑްގެ 3 ވަނަ ރާޅަކާ ކުރިމަތިވެ، ހީކުރި ވަރަށް ވުރެ ގިނަ އަދަދެއްގެ ބައެއްގެ ފުރާނަ ގެއްލުމާ ގުޅިގެންނެވެ.
ލަންޑަން ސްކޫލް އޮފް ހައިޖީން އެންޑް ޓްރޮޕިކަލް މެޑިސިންއިން ކުރިއަށް ގެންދިޔަ ދިރާސާއިން، ސައެންސްވެރިންގެ މި ބުނުން ވަނީ ސާބިތުވެފައެވެ. ނޭޗާ ޖާނަލްގައި ޝާއިއު ކޮށްފައިވާ މި ދިރާސާއަށް މައުލޫމާތު ބޭނުން ކުރީ، ކޮވިޑް-19 ޖެހިގެން އިނގިރޭސިވިލާތުން މަރުވި 5000 މީހުންގެ ކިބައިންނެވެ. މީގެ ތެރެއިން 3 ބައިކުޅަ 2 ބައި މީހުން ވަނީ ޔޫކޭ ވޭރިއަންޓަށް ޕޮޒިޓިވްވެފައެވެ. ދިރާސާގެ ހޯދުންތަކަށް ބަލާއިރު، މި ވޭރިއަންޓަށް ޕޮޒިޓިވްވާ މީހުން، ބައްޔަށް ޕޮޒިޓިވްވާތާ 28 ދުވަހުގެ ތެރޭގައި މަރުވުމުގެ ނުރައްކާ، 55 ޕަސެންޓަށް އޮވެއެވެ.
ދިރާސާގެ އިސް މުސައްނިފު، ޑރ ނިކް ޑޭވިސް ވިދާޅުވީ، ޔޫކޭ ވޭރިއަންޓްގެ ސަބަބުން ފާއިތުވީ މަސްތަކުގައި އިނގިރޭސިވިލާތަށް ބޮޑު ތަކުލީފެއް އުފުލަން ޖެހިފައި ވާ ކަމަށެވެ. އެގޮތުން، މިއަހަރުގެ ޖެނުއަރީ މަހާއި ފެބުރުއަރީ މަހު އެ ގައުމުން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު 42000 އަށް އަރާފައި ވާ ކަން ޑރ ޑޭވިސް ވަނީ ފާހަގަ ކުރައްވާފައެވެ.
ޑރ ޑޭވިސް ވިދާޅުވީ، ޔޫކޭ ވޭރިއަންޓަކީ އިންތިހާ ހަލުވި މިނުގައި ފެތުރޭ ވޭރިއަންޓެއްގެ އިތުރުން ފުރާނައަށްވެސް ނުރައްކާތެރި ވޭރިއަންޓެއްކަން ހާމަވެފައި ވާއިރު، މިއީ މި ވޭރިއަންޓަށް ގައުމުތަކުން ސަމާލުވާންވީ ސަބަބެއް ކަމަށެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން 90 އަށް ވުރެ ގިނަ ގައުމުން މި ވޭރިއަންޓް ފެނިފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ. ރާއްޖެއިންވެސް ޔޫކޭ ވޭރިއަންޓް ފެނިފައި ވާ ކަން، ކަމާ ބެހޭ ފަރާތްތަކުން ވަނީ ކަށަވަރު ކޮށްދީފައެވެ.
ޔޫކޭ ވޭރިއަންޓަކީ، ކޮވިޑް-19 އިން ދިފާއުވުމަށް މިހާރު ބޭނުން ކުރަމުން އަންނަ ވެކްސިންތަކަށް ގުޑާ ވޭރިއަންޓެއް ކަމުން، ހަލުވި ދުވެލީގައި ވެކްސިން ކެމްޕޭންތައް ކުރިއަށް ގެންދިއުމުގެ ސަބަބުން، މި ވޭރިއަންޓް ކޮންޓްރޯލް ކުރެވިދާނެ ކަމުގެ އުއްމީދު އެބައޮތެވެ.