ދިރިއުޅުމުގެ ހާލަތު ހުރި ގޮތުން، ކާރެއްގެ ތެރޭގައި ބޯހިޔާވަހިކަން ހޯދަމުން ދިޔަ އެމެރިކާގެ ޓީޗަރަކަށް، އޭނާގެ މުސްކުޅި ދަރިވަރަކު ދީލަތި އެހީތެރިކަމެއް ފޯރުކޮށްދީފިއެވެ.

ޓީޗަރު ދިރިއުޅެމުން ދަނީ ކާރުގައި ކަން ދަރިވަރަށް އެނގުނު ހިސާބުން، ގޯފަންޑްމީ ކެމްޕޭން މެދުވެރިކޮށް، އޭނާ ކުރި މަސައްކަތުން ޖަމާ ކުރި 27000 ޑޮލަރުގެ ޗެކު، އެ ޓީޗަރާ ހަވާލު ކުރީ، އެ ޓީޗަރުގެ އުފަން ދުވަހުއެވެ.

ކެލިފޯނިއާގެ ފޮންޓޭނާގައި ދިރިއުޅޭ، ހޯޒޭ ވިއަރުއޭލް ކުރިން މަސައްކަތް ކުރަމުން އައީ ސަބްސްޓިޓިއުޓް ޓީޗަރެއްގެ ގޮތުގައެވެ. އެހީވި މުސްކުޅި ދަރިވަރު، ސްޓީވަން ނޭވާއަށް ކިޔަވާ ދިނީވެސް މީގެ އެތައް އަހަރެއް ކުރިންނެވެ.

މިސްޓާ ވީ ގެ ނަމުން، ދަރިވަރުންގެ މެދުގައި މުހާތަބު ކުރާ ޓީޗަރަށް، އޭނާގެ މުސްކުޅި ދަރިވަރު ދިން ދީލަތި އެހީއަކީ އޭނާއަށް ލިބޭނެ ކަމަށް، ފަހަރެއްގައިވެސް އުއްމީދު ކޮށްގެން ހުރި އެއްޗެއް ނޫން ކަމަށް ބުނެފައިވެއެވެ.

މިސްޓާ ވީ (ވ) އާއި އޭނާގެ މުސްކުޅި ދަރިވަރު / ފޮޓޯ: ސީއެންއެން

އެހެނީ މި ވަގުތަކީ، މިސްޓާ ވީ ގެ ދިރިއުޅުމުގައި އިންތިހާއަށް ދަތި ދުވަސްތަކަކަށް ވުމެވެ. އޭނާ، ކާރުގައި ބޯހިޔާވަހިކަން ހޯދަމުން އަންނަތާ މިހާރު 8 އަހަރުވެއްޖެއެވެ. ދާދި ފަހަކާ ޖެހެންދެން ސަބްސްޓިޓިއުޓް ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރިއެވެ. އޭރުވެސް ދިރިއުޅުނީ ކާރުގައެވެ.

ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ އާ އާންމު ހާލަތާއެކު ސްކޫލްތައް އޮންލައިން ޕްލެޓްފޯމަށް ބަދަލުވެ، ސަބްސްޓިޓިއުޓް ޓީޗަރުންގެ ބޭނުން ކެނޑި، ވަޒީފާ ގެއްލި، މިސްޓާ ވީގެ ދިރިއުޅުން އިތުރަށް ދަތިވިއެވެ.

ވާޒީފާ އަދާ ކުރި ދުވަސްވަރުވެސް ކާރުގައި ދިރިއުޅުމަށް މިސްޓާ ވީ ނިންމީ، މެކްސިކޯގައި ދިރިއުޅެމުންދާ އޭނާގެ އަނބިދަރިންނަށް ފައިސާ ފޮނުވުމުގެ ބޭނުމުގައި ކަމަށްވެއެވެ.

މިސްޓާ ވީގެ މި ދިރިއުޅުން، އުމުރުން 21 އަހަރުގެ ނޭވާގެ ސަމާލުކަމަށް އައީ މިމަހު ކުރީކޮޅު، ފަތިހުގެ ވަގުތެއްގައި، އޭނާ ވަޒީފާއަށް ދާން ތައްޔާރު ވަނިކޮށެވެ. ވެލްޑްކުރާ މީހެއްގެ ވަޒީފާ އަދާ ކުރާ ނޭވާގެ ސަމާލުކަން ހުއްޓުނީ، ފަތިހު 05:00 ޖެހިއިރު، މީހަކު ކާރެއްގެ ޑިކީ ހުޅުވައިގެން އުޅޭތީއެވެ. އެކަންވީ ނޭވާއަށް އާދަޔާ ހިލާފު ކަމަކަށެވެ. އެހެންކަމުން އެމީހަކަށް ބަލަން ހުރި ހުރުމުގައި، އެއީ ދަންނަ މީހެއްހެން ނޭވާއަށް ހީވާން ފެށިއެވެ.

މުޅި ދުވަސް ނޭވާ ހޭދަ ކުރީ އެ މީހަކީ ދަންނަ މީހެއްތޯ ވިސްނުމުގައެވެ. އެގޮތުގައި ވަގުތު ހޭދަ ކުރަމުން ދަނިކޮށް، އެ މީހަކީ ކާކުކަން ނޭވާއަށް ފަހުމްވިއެވެ. އެއީ ފޮންޓޭނާ ހައި ސްކޫލްގައި އޭނާއަށް ކިޔަވާ ދިން މިސްޓާ ވީ ކަން ނޭވާއަށް ގަބޫލުކުރެވުނެވެ.

ނޭވާ ބުނާ ގޮތުގައި އޭނާ އަބަދުވެސް މިސްޓާ ވީ ހަނދާން ހުރެއެވެ. އެހެނީ، އެ މުއްދަރިސަކީ ދަރިވަރުންނަށް ހެޔޮ މުދައްރިސަކަށް ވުމުންނެވެ.

ދިރިއުޅުމުގެ ހާލަތު ހުރި ގޮތުން ކާރުގައި ނިދަމުން ދިޔަ މިސްޓާ ވީ / ފޮޓޯ: ޑަބްލިއުއެމްބީއެފް

"ދަރިވަރުންނަށް ވަރަށް ހެޔޮ ވާނެ. ކިހިނެއްތޯ އަހާނެ. ކައިގެން ތޯ އާ، އެ ކަހަލަ ކުދިކުދި ކަންކަންވެސް އޮޅުން ފިލުވާނެ. ކުލާހުގެ ހާޒިރީ ބަލާއިރު އަދި ވަރަށް މަޖާ ވާނެ" ނޭވާ، މިސްޓާ ވީގެ ހަނދާން އާ ކުރަމުން ކިޔައިދިނެވެ.

ދެތިން ދުވަހަކު ވިސްނުމަށް ފަހު ޓީޗަރާ ބައްދަލު ކުރިއެވެ. އަދި އޭނާގެ ދިރިއުޅުމުގެ ހާލަތު އޮޅުން ފިލުވާ، އޭރު އަތުގައި އޮތް 300 ޑޮލަރު، މިސްޓާ ވީއަށް ދިނެވެ. މިސްޓާ ވީ، ވީ އުފަލުން ނޭވާގެ ގައިގައި ބައްދާލި ކަމަށާ، އެ ވަގުތު ޓީޗަރުގެ ލޮލުން ކަރުނަ ފޫދުނު ކަމަށްވެސް ނޭވާ ކިޔައިދިނެވެ.

މިސްޓާ ވީއަށް އެހެން ދިރިއުޅުމެއް ހޯދާ ދިނުމަށް ނޭވާ އަޒުމު ކަނޑައެޅި ހިސާބަކީ އެއީއެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ނޭވާ ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، 1 މަސް ދުވަހުގެ މުއްދަތަށް، އާދައިގެ ހޮޓަލެއްގައި ހުރުމުގެ އިންތިޒާމް، މިސްޓާ ވީއަށް ވަނީ ހަމަޖައްސާދީފައެވެ. އަދި ދިގު މުއްދަތެއްގެ ހިޔާވަހިކަން ހޯދުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ.