ވެލީގެ ތޫފާނަކާއެކު ޗައިނާގެ ވެރިރަށް ބެއިޖީންގްގެ ވައި އިންތިހާއަށް ތަޣައްޔަރުވެ، ބޭރު ތެރެއަށް ނިކުމެ އުޅުމާ ދުރުވުމަށް އެ ސަރަހައްދުގެ ރައްޔިތުންނަށް، ކަމާ ބެހޭ ފަރާތްތަކުން ގޮވާލައިފިއެވެ.

ގަދަ މުށި ކުލައިގެ ހިރަފުހުން "ދުން ބޯވެފައި" އޮތުމުގެ ސަބަބުން މިއަދު ބެއިޖީންގްގެ ވައި ވަނީ އިންތިހާއަށް ތަޣައްޔަރުވެފައެވެ. ބޯ ހިރަފުހުން ވައި ތަޣައްޔަރު ވެފައި ވަނީ އިނާ މޮންގޯލިއާ އާއި ޗައިނާގެ ހުޅަނގު-އުތުރުގެ ސަރަހައްދުތަކުން ގަދަ ވަޔާއެކު ވިއްސާ ވެލިން ކަމަށް މައުލޫމާތު ލިބެއެވެ.

ޗައިނާގެ މޫސުމާ ބެހޭ އިދާރާއިން މިއަދު ހެނދުނު ވަނީ ރީނދޫ ސަމާލު (ޔެލޯ އެލާޓް) އިއުލާން ކޮށްފައެވެ.

ޗައިނާއިން ލިބެމުންދާ މަންޒަރުތަކަށް ބަލާއިރު ގަދަ އޮރެންޖު-ރީނދޫކުލައިގެ ދުންގަނޑަކުން މާހައުލު ފުސްވެފައި ވާއިރު، އާންމު ރައްޔިތުން މަގުތަކަށް ނިކުމެ އުޅެނީ ގޮގްލްއާއި މާސްކުގެ އިތުރުން ދާގަނޑު ބޭނުން ކޮށްގެން ކަން ފާހަގަކުރެވެއެވެ.

މާޗް 15، 2021 ވަނަ ދުވަހު ޗައިނާއަށް ކުރިމަތިވި ވެލީގެ ތޫފާނުގެ ތެރެއިން / ފޮޓޯ: ސީޖީޓީއެން

ހިރަފުހުގެ ދުން ބޯވުމުގެ ސަބަބުން ދުރު ފެންނަ ނިސްބަތް، 300-800 މީޓަރަށް ކުރު ވެފައި ވާކަމަށް ހަބަރު ލިބެއެވެ.

ބެއިޖީންގެ ސަރުކާރުން ވަނީ ބޭރުތެރޭގައި ހިންގާ ސްކޫލް ހަރަކާތްތައް ކެންސަލް ކުރުމަށް ގޮވާލާފައެވެ. އަދި ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ މީހުން، ބޭރަށް ނިކުމެ ނުއުޅުމަށްވެސް ވަނީ ގޮވާލާފައެވެ.