އަހަރެންގެ ބޭންކު ކޮމިއުނިޓީ ފަންޑުގެ ދަށުން ގދ. ނަޑެއްލާ ގޮނާނިގިލި ކުޅީގައި އީކޯ ޕާކެއް ހުޅުވައިފިއެވެ.

ބީއެމްއެލުން ބުނީ އެ ޕްރޮޖެކްޓް ހިންގާފައި ވަނީ ނަޑެއްލާ އައިލެންޑް ޑިވެލޮޕްމަންޓް ސޮސައިޓީ (ނިޑުސް) އިން ކަމަށެވެ.

އެއީ ގޮނާނިގިލި ކުޅީގެ ގުދުރަތީ ރީތިކަން އާއްމުންނަށް ފަސޭހައިން ބަލާލައި ހިތްހަމަޖައްސާލާނެ މާހައުލެއް ގާއިމްކޮށްދިނުމާއެކު ކުޅީގެ ގުދުރަތީ ރީތިކަން އަންނަންއޮތް ޖީލުތަކާ ހަމަޔަށް ދަމަހައްޓާ އެތަނުގެ މައުލޫމާތު ޒިޔާރައްކުރާ މީހުންނަށް ދިނުމުގެ މަގްސަދުގައި ހިންގުނު ޕްރޮޖެކްޓެއް ކަމަށް ބީއެމްއެލުން ބުނެއެވެ.

އެގޮތުން އެ ޕްރޮޖެކްޓްގެ ދަށުން އެ ކުޅީގައި ވިއުވިންގް ޕްލެޓްފޯމަކާއި، ކުޅި ހިމެނޭ ސަރަހައްދުގައި 5 ބެންޗާއި، 5 ޑަސްބިން ބަހައްޓައި 5 ސޯލާ ބައްތިވަނީ ހަރުކޮށްފައެވެ. ގދ. ނަޑެއްލާގެ އީކޯ ޕާރކު އާންމުންނަށް ބޭނުންކުރެވޭ ގޮތަށް ހުޅުވާލުމަށްފަހު އެތަން ބެލެހެއްޓުމަށް ވަނީ ރަށު ކައުންސިލާ ހަވާލުކޮށްފައެވެ.

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ އެހީގައި ގދ. ނަޑެއްލާ ކުޅީގައި އިކޯ ޕާކެއް ހަދަނީ / ފޮޓޯ: ބީއެމްއެލް

އެ ޕްރޮޖެކްޓާ ގުޅޭ ގޮތުން ނަޑެއްލާގެ ޖަމިއްޔާއެއް ކަމަށްވާ ނިޑުސް އިން ބުނީ އެ ޖަމިއްޔާގެ ވޮލަންޓިއަރުންނާއި ރަށު ތެރެއިން މި މަސައްކަތަށް އެއްބާރުލުމާއި އެހީތެރިކަން ދެއްވި ދަރުމަވެރންނަށާއި ނަޑެއްލާގެ ހެޔޮއެދޭ ފަރާތްތަކަށް އިހްލާސްތެރިކަމާއެކުގައި ކަމަށެވެ. އަދި އެ މަސައްކަތް ކޮށްދިން ފަރާތް ތަކަށް އެ ޖަމިއްޔާއިން ވަނީ ޝުކުރު އަދާ ކޮށްފައެވެ.

2019 ވަނަ އަހަރު ބީއެމްއެލްއިން ތައާރަފްކުރި ކޮމިއުނިޓީ ފަންޑުގެ ދަށުން މިހާތަނަށް ރާއްޖޭގެ 40 ރަށެއްގައި ޕްރޮޖެކްޓް ހިންގުމަށްވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ.