ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންތަކުގެ ސަބަބުން ކެފޭ، ރެސްޓޯރެންޓް އަދި ވިޔަފާރިތަކަށް ގެއްލުން ލިބޭތީ ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މިހާރު މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެއްޖެއެވެ.

އެމައްސަލާ ސައީދު މިއަދު ޓުވިޓާގައި ހިއްސާކުރައްވާފައިވާ އިރު އޭގައި ވިދާޅުވަނީ އެޗްޕީއޭގެ ގައިޑްލައިންތަކުގެ ސަބަބުން ރާއްޖޭގެ އެކި ރަށްރަށާއި މާލެ ސަރަހައްދާއި ވަކިން ހާއްސަކޮށް މާލޭގައި ވިޔަފާރިކުރާ އެތަށް ފަރާތެއް ގޮތް ހުސްވެފައިވާ ކަމަށެވެ.

އެގޮތުން ކެފޭ ރެސްޓޯރެންޓާއި ކުދި ވިޔަފާރިތަކާއި ކަނޑު ދަތުރުފަތުރުތަކާއި މުދާ އުފުލާ ފަތާތްތަކާއި މުދާ އެއްތަނުން އަނެއް ތަކަށް ގެންދިއުމުގެ ހިދުމަތުގައި ހިމެނޭ ލޮޖިސްޓިކްސް ހިދުމަތާއި މަޖޫރީންގެ ހިދުމަތާއި އެހިދުމަތްތަކާ ގުޅިފައިވާ އެތައް ވިޔަފާރިތައް ހީނަރުވެ ނެތެމުންދާ ކަމަށް ސައީދު ވަނީ ފާހަގަކުރައްވާފައެވެ.

އެހެން ކަމުން އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 170 ވަނަ މާއްދާގެ ދަށުން އެ ކުއްލި މައްސަލަ ހުށަހަޅާފައިވާ ކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ.

ސައީދު އެ ކުއްލި މައްސަލަ ހުށަހަޅާފައިވާއިރު ކޮވިޑް-19 އިން ރައްކާތެރި ވުމަށް އަޅާފައިވާ ހާއްސަ ފިޔަވަޅުތަކަށް ބަދަލު ގެނައުމާ ގުޅިގެން، މާލެ ސަރަހައްދު (މާލެއާއި، ހުޅުމާލެއާއި، ވިލިނގިއްޔާއި، ތިލަފުއްޓާއި، ގުޅީފަޅު) ގައި ހިންގާ ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަން، ރޭގަނޑު އާންމުންނަށް ހުޅުވާލައިގެން ހިދުމަތް ދޭން ކަނޑައަޅާފައި ވާ މުއްދަތު އިތުރު ހަތް ދުވަހަށް އިތުރުކޮށްފައެވެ.

ރޭގަނޑު އަށެއްގެ ފަހުން ކެފޭ ރެސްޓޯރަންޓް ތަކުން އާންމުކޮށް ހުޅުވާލައިގެން ހިދުމަތް ދިނުން މަނާ ކޮށްފައި ވާއިރު، އެއީ އެންމެ ގިނަ ބަޔަކު ރެސްޓޯރަންޓްތަކަށް ދާ ގަޑިކަން ފާހަގަ ކޮށްލެވެއެވެ. މިކަމުގެ ސަބަބުން ރެސްޓޯރަންޓް ތަކަށް ބޮޑެތި ގެއްލުންތައް ލިބެމުން ދާއިރު، މާގިނަ ދުވަސް ވަންދެން މި ފިޔަވަޅު މިގޮތުގައި ދަމަހައްޓައިފި ނަމަ ވިޔަފާރިތައް ބަންދު ކުރަން ޖެހިދާނެ ކަމުގެ ކަންބޮޑުވުން ރެސްޓޯރަންޓްތަކުގެ ވެރިން ވަނީ ފާޅުކޮށްފައެވެ.