ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި މާލޭގެ ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރި ވާނެ އޮފިޝަލުން ބޭނުންވާ ކަމަށް އިލެކްޝަން ކަމިޝަންގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.

ޝަރީފް އެހެން ވިދާޅުވެފައިވަނީ ޓްވީޓާ މެދުވެރިކޮށެވެ. ޝަރީފު ވަނީ އޮފިޝަލުން ހޯދުމަށް އީސީން މިިދިޔަ މަހު ކުރި އިިއުލާނު ވެސް ހިއްސާކޮށްފައެވެ.

މީގެ ކުރިން އީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝަރީފު ވިދާޅުވީ، އެޗްޕީއޭގެ ގައިޑްލައިންގައި ބުނެފައިވާ ބެކަޕް ޕްލޭނާ ނުލާވެސް އިންތިހާބަށް ގާތްގަނޑަކަށް 8000 އޮފިޝަލުން ބޭނުންވާ ކަމަށެވެ. އެއީ އޮފިޝަލުންގެ ގޮތުގައި ބޭނުންވާ 7195 މީހުންނާއި ރިޒާވަރުންގެ ގޮތުގައި ބޭނުންވާ 735 މީހުން ކަމަށް ޝަރީފު ވިދާޅުވިއެވެ.

ނަމަވެސް ކޮވިޑާއި އަދި އެޗްޕީއޭގެ ގައިޑްލައިންއާ ގުޅިގެން ކޮމިއުނިޓީ ސްޕްރެޑް އޮތް މާލެއަށް 40 ޕަސެންޓު އޮފިޝަލުން އިތުރުކުރަން ޖެހޭ ކަމަށާއި އެއީ 2878 އޮފިޝަލުން ކަމަށް އެނާ ވިދާޅުވިއެވެ. އެހެންކަމުން މިފަހަރުގެ އިންތިހާބަށް ޖުމްލަ 10،073 އޮފިޝަލުން ބޭނުންވާނެ ކަމަށް ޝަރީފު ވިދާޅުވިއެވެ

އޮފިޝަލަކަށް ވުމަށް އެދި ހުށަހަޅާ ފޯމު، ރަށު/އަތޮޅު/ސިޓީ ކައުންސިލް އިދާރާތަކުން އަދި އީސީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އީސީން ބުނެއެވެ. ފޯމާއި، އައިޑީކާޑުގެ ދެފުށުގެ ކޮޕީ، އެންމެ މަތީ ތައުލީމީ ސެޓްފިކެޓުގެ ކޮޕީ އަދި ޕާސްޕޯޓް ސައިޒުގެ 3 މަސް ނުވާ ފޮޓޯ ގަނޑެއް ހުށަހަޅަން ޖެހެއެވެ. އީސީން ބުނީ ފޯމާއި، ފޯމާއެކު ހުށަހަޅާތަކެތި ހުށަހަޅާނީ މެއިލް މެދުވެރިކޮށް ކަމަށެވެ.

އީސީން ބުނީ ކުރިން އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ކުރިމަތިލާ އަދި އެ ކޮމިޝަނުން އޮފިޝަލުންގެ ގޮތުގައި ހޮވުނުކަން އަންގާފައިވާ ފަރާތްތަކުން އަލުން ފޯމު ހުށަހަޅަން ނުޖެހޭނެ ކަމަށެވެ.

އޮފިޝަލަކަށް ވުމުގެ ޝަރުތުތައް:

  • އުމުރުން 18 އަހަރު ފުރިފައި ވުން
  • އެއްވެސް ސިޔާސީ ޕާޓީއެއްގެ އިސް މަގާމެއް އަދާ ކުރަމުންދާ މީހަކަށް ނުވުން
  • އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕޭނުގައި އަމަލީގޮތުން ހަރަކާތްތެރިވާ މީހަކަށް ނުވުން
  • އޮފިޝަލަކަށްވުމަށް އެދި ފޯމު ހުށަހަޅާ ދާއިރާ ނުވަތަ ރަށަށް ކުރިމަތިލާ ކެންޑިޑޭޓެއްގެ މަންމައަށް، ބައްޕައަށް، ދަރިއަށް، އަނބިމީހާއަށް، ފިރިމީހާއަށް އަދި އެއްބަނޑުއެއްބަފާ، އެއްބަނޑު ނުވަތަ އެއްބަފާ މީހަކަށް ނުވުން
  • އޮފިޝަލެއްގެ މަސައްކަތް ކުރެވޭނެ ތައުލީމާއި ތަޖުރިބާ ހުރުން
  • މިފަދަ މަސައްކަތަށް ސިއްހީ ގޮތުން ގާބިލް މީހަކަށް ވުން
  • ޖިނާއީ ކުށެއްގައި ހުކުމް ތަންފީޒު ކުރަމުންދާ މީހަކަށް ނުވުން މިއެވެ.

ދޭނެ އުޖޫރަ (ހަމައެކަނި ވޯޓުލާ ދުވަހު):

  • ވޯޓުލާ މަރުކަޒުގެ ވެރިޔާ - 1800 ރުފިޔާ
  • ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔާ - 1600 ރުފިޔާ
  • ވޯޓުލާ މަރުކަޒުގެ އޮފިޝަލް - 1500 ރުފިޔާ
  • ވޯޓު ގިނާ އޮފިޝަލް - 1200 ރުފިޔާ
  • ރިޒާވް އޮފިޝަލް - 500 ރުފިޔާ
  • ކިއު ސުޕަވައިޒާ - 1000 ރުފިޔާ
  • އޮފިޝަލް - 1000 ރުފިޔާ މިއެވެ.

އުޖޫރައިގެ އިތުރުން ވޯޓުލާ ދުވަހުގެ ކެއުމާއި ސައި އީސީން ހަމަޖައްސައި ދޭނެއެވެ. އޮފިޝަލުންނަށް ކުރިމަތިލާ ފަރާތަތްކުން މިަކމަށް ހާއްސަ ތަމްރީނެއް ފުރިހަމަ ކުރަން ޖެހޭނެއެވެ. ތަމްރީނު ފުރިހަމަކޮށް، އޮފިޝަލެއްގެ ގޮތުގައި މަސައްކަތް ކުރުމުން ޓްރެއިނިން އެލަވަންސްގެ ގޮތުގައި 300 ރުފިޔާ ލިބޭނެއެވެ. މި މާޗް މަހު ހިންގާ ތަމްރީނު ޕްރޮގްރާމުގައި ބައިވެރި ނުވާ ނަމަ، އޮފިޝަލެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތެއް ނުދޭނެއެވެ.