ގދ. ގައްދޫ ކައިރީގައި އޮންނަ ލޮނަދޫހުއްޓާއަށް ދަތުރު ގޮސް އުޅެނިކޮށް ބޮލަށް ސީލިންގެއް ވެއްޓި، ލިބުނު ގެއްލުންތަކުގެ ސަބަބުން ފައި ބުރި ކޮށްލަން ޖެހުނު އުމުރުން 17 އަހަރުގެ މުހައްމަދު ފިރުޝާނަށް ފައެއް ޖެހުމަށް އާސަންދައިން އެހީވާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ފިރުޝާންގެ ކަނާތު ފައިގެ ކަކުލު ހުޅަށްވުރެ ތަންކޮޅެއް މަތިން ވަނީ ބުރިކޮށްލާފައެވެ. ފިރުޝާންގެ ކަނާތު ފައި ބުރުކޮށްލީ އޭނާގެ ފުރާނައަށް ނުރައްކާ އޮތުމުންނެވެ.

ފިރުޝާންގެ އާއިލާއިން ވަނީ ފިރުޝާނަށް މަސްނޫވީ ފައެއް ޖެހުމަށް އާންމުންގެ އެހީއަށް އެދިފައެވެ.

ރޭ އާސަންދަ ކުންފުނިން ބުނީ ފިރުޝާނަށް ދިމާވި ހާދިސާގެ ސަބަބުން އިތުރު ފަރުވާއަށް އޭނާ މާލެ ގެނެސްފައިވަނީ ފްލައިޓެއް ޗާޓަރުކޮށްގެން ކަމަށާއި އެ ހަރަދު ކުރީ އެންސްޕާ އާއި އާސަންދައިން ކަމަށެވެ. އަދި އައިޖީއެމްއެޗާއި އޭޑީކޭގައި ފިރުޝާނަށް ކުރި ފަރުވާގެ ހަރަދުތައް ވެސް ހަމަޖައްސާފައިވާ ކަމަށެވެ.

އާސަންދައިން ބުނީ ޑިސްޗާޖް ކުރި ފަހުން ޕްރޮސްތެޓިކް ފައެއް ޖެހުމަށް ފިރުޝާންގެ އާއިލާގެ ފަރާތުން އަދި އެންސްޕާއަށް އެހީއަށް އެދިފައެއް ނުވާކަމަށެވެ. އަދި އެންސްޕާއަށް އެހީއަށް އެދި ހުށަހެޅުމުން އާސަންދަ މެދުވެރިކޮށް އެ ހަރަދުތައް ވެސް ކަވަރުކޮށްދޭނެ ކަމަށް އާސަންދައިން ވަނީ ބުނެފައެވެ.

މިހާދިސާ ހިނގާފައިވަނީ ގދ. ގައްދޫ ކައިރީގައި އޮންނަ ލޮނަދޫހުއްޓާއަށް ދިޔަ ދަތުރެއްގައެވެ. މި ހާދިސާ ދިމާވީ މަޖާކުރުމުގެ ތެރޭގައި ލަކުނޑިގަނޑުގައި ތަޅަން ފެށުމުން އޭތި ބިނދި ކުއްލިއަކަށް ސީލިން އަރިއަޅާލައި އޭނާ ގައިމައްޗަށް ވެއްޓުމުންނެވެ.

ފަރުވާއަށް ފަހު ފިރުޝާން މިހާރު ވަނީ ގެއަށް ދޫކޮށްލާފައެވެ. ނަމަވެސް ރަށަށް ދާން ބޭނުންވަނީ ފިރުޝާންގެ މަސްނުވީ ފައެއް ޖަހައިގެން ކަމަށް އާއިލާ އިން ވަނީ ބުނެފައެވެ. އެގޮތުން މަސްނުވީ ފައެއް ޖެހުމަށް 5000 ޑޮލަރު ބޭނުން ވެއެވެ.