ކޮންޒިއުމަރުން ނުވަތަ މުދާ ބޭނުން ކުރާ ފަރާތްތަކާ ހިސާބަށް ފޯރާ ކާބޯތަކެތީގެ ގާތްގަނޑަކަށް 5 ބައިކުޅަ 1 ބައި ހާ ތަކެއްޗަކީ އިސްރާފު ވެގެންދާ ތަކެތި ކަމަށް އދއިން ބުނެފިއެވެ.

ދާދި ފަހުން އާންމު ކުރި ދިރާސާއެއްގައި އެ އިދާރާއިން ބުނީ، 2019 ވަނަ އަހަރު މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮންޒިއުމަރުންނާ ހިސާބަށް ފޯރި ކާބޯތަކެތީގެ 17 ޕަސެންޓް ގޮސްފައި ވަނީ އިސްރާފަށް ކަމަށެވެ. ގޭބިސީތަކާ، ރީޓެއިލް ކުރާ ފަރާތްތަކާ، މުއައްސަސާތަކާ ހޮސްޕިޓަލު ސިނާއަތުން އިސްރާފުގެ ގޮތުގައި 2019 ވަނަ އަހަރު ގާތްގަނޑަކަށް 1 ބިލިއަން ޓަނުގެ ކާބޯތަކެތި އުކާލިއިރު، މިއީ ކުރިން ހީކުރެވިފައި އޮތް މިންވަރަށް ވުރެ އެތައް ގުނައެއް އިތުރު މިންވަރެކެވެ.

ވެމްކޯގެ ކުނި އުފުލާ ވެހިކަލް / ފޮޓޯ: ދަ ޕްރެސް

އދއާއެކު ރިޕޯޓް އެކުލަވާލުމުގައި މަސައްކަތް ކުރި ވޭސްޓް އެންޑް ރިސޯސް އެކްޝަން ޕްރޮގްރާމް (ވްރެޕް)ގެ ޑިވަލޮޕްމަންޓް ޑައިރެކްޓާ ރިޗާޑް ސްވޯނެލް ވިދާޅުވީ، މިއީ އިންތިހާއަށް ބޮޑު މައްސަލައެއް ކަމަށާ، މިއީ ތިމާވެއްޓާ، އިޖުތިމާއީ އަދި އިގުތިސޯދުން ބަލާއިރުވެސް "ހަރަދު ބޮޑު" މައްސަލައެއް ކަމަށެވެ.

ދުނިޔެއިން އިސްރާފު ކުރި ކާބޯތަކެތި، 40 ޓަނުގެ ކޮންޓޭނާ-ޓްރަކްތަކަށް އަރުވާ، އެކަތި އަނެކައްޗާ ޖައްސައިގެން އަތުރައިފިނަމަ، މުޅި ދުނިޔެ ވަށާ، 7 ބުރަށް އަތުރާލެވޭނެ ކަމަށް ރިޗާޑް ސްވޯނެލް ވިދާޅުވިއެވެ.

ކަން މިހެން އޮތްއިރު، އދގެ އަންދާޒާތަކުން ދައްކާ ގޮތުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުން 700 މިލިއަނެއްހާ މީހުން ރޭގަނޑު ނިދަން އަރަނީ ބަނޑުހައި ހާލުގައެވެ.

މިހާ ހިސާބަށް އައިއިރު، ކާބޯތަކެތި އިސްރާފު ކުރުމުގެ މައްސަލައަކީ މުއްސަނދިންގެ މެދުގައި އޮތް ކަމެއް ކަމުގައި އޮތީ ހީވެފައެވެ.

ނަމަވެސް މިކަން މިހާރު މިވަނީ ބަދަލުވެފައެވެ. ކާބޯތަކެތި އިސްރާފު ކުރާ ކޮންމެ ގައުމަކަށް ބެލި ކަމުގައި ވީ ނަމަވެސް، ގޭބިސީތަކުން ކާބޯތަކެތި އިސްރާފު ކުރުމަކީ މުޅި ދުނިޔެއަށް އާންމު ވެފައިވާ "ވަބާ" އެއްކަމަށް އދއިން ސިފަކުރެއެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު، ދުނިޔޭގައި މިވަގުތު ހުރި ކޮންމެ މީހަކަށް، އަހަރެއްގެ މައްޗަށް އެވަރޭޖުކޮށް 121 ކިލޯގްރާމްގެ ކާބޯތަކެތި، އިސްރާފުގެ ގޮތުގައި އުކާލައެވެ.

މި ދިރާސާއަށް މައުލޫމާތު އެއް ކޮށްފައި ވަނީ 54 ގައުމަކުންނެވެ. އޭގެ ތެރޭގައި ފަގީރު، މެދު ފަންތި އަދި މުއްސަނދި ގައުމުތައްވެސް ހިމެނެއެވެ. މިއީ އިންސާނީ ހަލޯރާތު ފެތުރިފައިވާ ސަރަހައްދުގެ އެންމެ 3 ބައިކުޅަ 1 ބައި ހާ ސަރަހައްދެކެވެ.