ކަނޑައެޅިގެން ވަކި ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަން ފެތުރިގެން ދިއުން ކޮންޓްރޯލް ކުރުމަށް މުޅި ދުނިޔެހެން ލޮކްޑައުންއަކަށް ދިޔަ ދިއުންވީ އެތައް ބަޔަކަށް، ނަފްސާނީ ގޮތުން ގިނަ މައްސަލަތަކަކާ ކުރިމަތި ކުރުވި ކަމަކަށެވެ. އެކަކު އެނަކާ ބައްދަލު ނުވެވި، އެކަހެރި، އެކަނިވެރި ދިރިއުޅުމެއް އުޅެން ޖެހުމާއި، އަނިޔާވެރިންގެ މުށު ތެރޭގައި ބަންދުވެގެން ދުވަސްތަކެއް ހޭދަ ކުރަން ޖެހުމުގެ ނޭދެވޭ އަސަރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިއަން ބަޔަކަށް ފޯރިއެވެ.

އޭގެ އަހަރެއްހާ ދުވަސް ފަހެވެ. ކޮވިޑް-19އާއެކު ދިރިއުޅެން ދަސްކޮށް، ވެކްސިންގެ ބޭނުން ހިފާ، ލޮކްޑައުންގެ ހަރުކަށި އަމުރުތަކަށް ގައުމުތަކުން މިހާރު ވަނީ ލުއި ދޭން ފަށާފައެވެ. ނަމަވެސް، މި ލޮކްޑައުން އުވާލާ، އިހު އުޅުނު ދިރިއުޅުމަށް ދާން މަޖުބޫރު ކުރުވުމަކީ، އެންޒައިޓީ ނުވަތަ ހާސްވެ ނުތަނަވަސްވާ ބައްޔާއި، ސްޓްރެސްއަށް މަގުފަހި ކުރުވަފާނެ ކަމެއް ކަމަށް، އިނގިރޭސިވިލާތުގެ ނަފްސާނީ ބަލީގެ ތަޖުރިބާކާރުން މިހާރު ގެންދަވަނީ އިންޒާރު ކުރައްވަމުންނެވެ.

މާޔޫސްވެފައިވާ މީހަކު ރަމްޒުކޮށްދިނުމަށް ބޭނުން ކޮށްފައިވާ ތަސްވީރެއް / ފޮޓޯ: ކެރިލިއޮންލިވިންގް

ނަފްސާނީ ބަލީގެ ތަޖުރިބާކާރުންނާއި މި ރޮނގުން ހިލޭ ސާބަހަށް ހިދުމަތް ކުރަމުންދާ ޖަމިއްޔާތަކުން ބުނާ ގޮތުގައި، ނަފްސާނީ ބަލީގެ ޕޭޝަންޓުންނާއި، އެފަދަ ކަމެއް މާޒީގައި ތަޖުރިބާކުރި މީހުންނަކީ، ލޮކްޑައުން އުވާލާ، އިހު އުޅުނު ދިރިއުޅުމަށް އަހުލުވެރި ވުމުގައި ތަކުލީފުތަކަކާ ކުރިމަތިލާން ޖެހިދާނެ ބައެކެވެ. ބަލިމަޑުކަމަށް ފަހު، އިހު އުޅުނު ދިރިއުޅުމުގެ ކަންކަމަށް އަލުން އަހުލުވެރި ވުމަކީ، މިފަދަ މީހުންނަށް އުނދަގޫ ކަމަކަށް ވާނެ ކަމަށްވެސް ދާއިރާގެ ތަޖުރިބާކާރުން ވަނީ އިންޒާރު ކުރައްވާފައެވެ.

ލޮކްޑައުންގެ ސަބަބުން ގޭގައި ބަންދުވެފައި ތިބެންޖެހުނު ޖެހުމަކީ، އެންޒައިޓީއާއި ޕޯސްޓް ޓްރޯމެޓިކް ސްޓްރެސް ޑިސްއޯޑާ (ޕީޓީއެސްޑީ) ފަދަ ނަފްސާނީ ބަލިތަކުގެ ވޭން އުފުލަމުން ދިޔަ މީހުންނަށް ލިބިދިން ލުޔެކެވެ. އަނެކުންނާ އެކަހެރިވެ އުޅެން ޖެހުމުގެ ސަބަބުން ފާޑުކިއުންތަކުންވެސް ސަލާމަތް ވެވުނީތީއެވެ. ނަމަވެސް ލޮކްޑައުން އުވާލާ ނުވަތަ ލޮކްޑައުންއަށް ލުއި ދިނުމުގެ ސަބަބުން، ދުނިޔެ ތެރެއަށް ނިކުންނަންވީ ވަގުތު ޖެހިއްޖެ ކަން ނަފްސާނީ ބަލީގެ ޕޭޝަންޓުންނަށް އަންގާ ކަމަށާ، މި ކަމުގެ ސަބަބުން ނަފްސާނީ ބަލީގެ ހާލަތު އިތުރަށް ބޮޑުވުމުގެ ފުރުސަތު އެބައޮތް ކަމަށް ދާއިރާގެ ތަޖުރިބާކާރުން ގަބޫލު ކުރައްވައެވެ.

ކޮވިޑް-19ގެ ލޮކްޑައުންގައި ހާސްވެ މާޔޫސްވެފައި އިން މީހެއް ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: އާރްއެފްއައި

ބަލިމަޑުކަމަށް މުޅިން ނިމުމެއް ނުގެނެވި އުޅެނިކޮށް ގައުމުތައް އަލުން ހުޅުވާލުމަކީ ބައްޔަށް ހުށަހެޅުމުގެ ފުރުސަތު އިތުރު ކުރަނިވި ކަމަކަށް ވާއިރު، މިއީވެސް ނަފްސާނީ ބަލިތަކުގެ މީހުންނަށް ބަލައިގަންނަން ފަސޭހަ ކަމަކަށް ނުވެއެވެ. ފަރުވާއެއް ހޯދިފައިނުވާ ނުރައްކާތެރި ބައްޔަކަށް ހަމަ ކޮންމެ މީހަކުވެސް ޖެހިލުންވާނެއެވެ.

މި ހުރިހާ ކަމަކަށް ރިއާޔަތް ކުރުމަށްފަހު، ނަފްސާނީ ބަލީގެ ތަޖުރިބާކާރުންނާއި ހިލޭ ސާބަހަށް ހިދުމަތް ކުރާ ޖަމިއްޔާތަކުން ދަނީ، ނަފްސާނީ ބަލި ތަހައްމަލު ކުރަމުން އަންނަ ފަރާތްތަކަށް ހާއްސަ ސަމާލު ކަމެއް ދީގެން ފިޔަވަޅުތައް އެޅުމަށް ގައުމުތަކުގެ ސަރުކާރުތަކަށާ، އެކި ދާއިރާތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް ގޮވާލާފައެވެ.

ސްޓްރެސް އަކީ، ހަގީގަތުގައި ހިތަށާއި ސިކުނޑިއަށް ކަންބޮޑުވެގެން ކުރާ ބާރެވެ. މިއީ ހަށިގަނޑަށް ބާރު ބޮޑުވުމެވެ. މިއީ ހާސްވެ ކަންބޮޑުވުން އެކަންޏެން ނޫނެވެ. ފިކުރު ބޮޑުވެ ހިތަށް ތަދުވެ ނަފްސަށް ކުރާ ބާރެކެވެ. އެހެންގޮތަކަށް ބުނާނަމަ ސްޓްރެސް އަކީ ދިރިއުޅުމުގައި ދިމާވާ ހާދިސާއެއްގެ ސަބަބުން ހަށިގަނޑު ވަކި ކަމަކަށް ޑިމާންޑް ކުރުމަށް ކިޔާނަމެކެވެ. މިއީ ހިތާމަވެރިކަމަކަށް ނޫނީ އުފާވެރިކަމަކަށްވެސް ވެދާނެއެވެ. އެފަދަ ކަމެއް މީހަކަށް ދިމާވުމުން ހަށިގަނޑު އެކަމަށް އިޖާބަދޭން ފަށައެވެ. ސްޓްރެސް އަކީ އޭގެ ސަބަބުން އިންސާނާގެ ހަށިގަނޑަށް ބޮޑެތި އަސަރުތަކެއް ކޮށްފާނެ ކަމެކެވެ.