އައްޑޫ ސިޓީ ފޭދޫގައި މިދިޔަ ބުރާސްފަތި ދުވަހު ހިނގި މާރާމާރީއާގުޅިގެން 5 މީހަކު ހައްޔަރު ކޮށްފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، މި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރު ކޮށްފައި ވަނީ 5 ފިރިހެނުން ކަމަށެވެ. އެމީހުންގެ ތެރޭގައި ހިމެނެނީ 21 އަހަރުގެ މީހަކާއި، 32 އަހަރުގެ މީހަކާއި، 20 އަހަރުގެ މީހަކާއި، 21 އަހަރުގެ މީހެއްގެ އިތުރުން 18 އަހަރުގެ މީހެކެވެ.

މި މައްސަލަ އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ފޭދޫ ކުޑަކުދިންގެ ޕާކު ސަރަހައްދުގައި ދެ ގްރޫޕެއްގެ މެދުގައި ހިންގި މާރާމާރީއެއްގެ މައްސަލަ ފުލުހުންނަށް ހުށަހެޅި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 06:30 ހާއިރެވެ. މި މާރާމާރީގައި ހަތް މީހަކަށް އަނިޔާ ވެފައި ވާއިރު އެމީހުންގެ ތެރެއިން ބައެއް މީހުންނަށް ފޭދޫ ހެލްތު ސެންޓަރުގައި ފަރުވާ ދީފައި ވާއިރު ބައެއް މީހުންނަށް ފަރުވާ ދިނީ ހިތަދޫ ހޮސްޕިޓަލުންނެވެ.

މީގެ އިތުރުން އިއްޔެ ރޭ ވެސް އައްޑޫގައި ވަނީ މާރާމާރިއެއް ހިންގާފައެވެ. އިއްޔެ ރޭ މެންދަމު 1:00 ހާއިރު ހިތަދޫގައި ހިނގި އެ މާރާމާރީގައި މީހަކަށް ތޫނުއެއްޗަކުން ހަމަލާ ދީފައި ވެއެވެ. އޭނާއަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދިން ކަމަށް ފުލުހުން މައުލޫމާތު ދިން އިރު، އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް ވެސް ބުނެފައި ވެއެވެ.

އެނގިފައިވާ ގޮތުގައި އެ ހާދިސާ ހިނގާފައިވަނީ ހިތަދޫ ބޮޑުމަގުގައި ހުންނަ މަސްޖިދުއް ތަގްވާ (ހުސެއިން މޫސާ) މިސްކިތް ހުންނަ ސަރަހައްދުގައެވެ.