ޕްރޮގްރެސް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ އޮފީސް ހިމެނޭ ސަރަހައްދު ފުލުހުން ބަންދު ކޮށްފިއެވެ.

ޕީޕީއެމް އޮފީސް ސަރަހައްދު ބަންދު ކޮށްފައި ވަނީ މިއަދު އިދިކޮޅު ކޯލިޝަނުން ކުރުމަށް ނިންމާފައިވާ މުޒާހަރާ އާ ގުޅިގެން މިއަދު މެންދުރު ފަހުން ފެށިގެންނެވެ. އެގޮތުން މިއަދު ވެސް ބޮޑުތަކުރުފާނު މަގުގެ ބައެއް ބަންދުކޮށްފައި ވާއިރު، ފުލުހުން ދަނީ ބެރިކޭޑް ޖަހައިގެން އެ ސަރަހައްދަށް ނުވަދެވޭ ގޮތަށް މީހުން ހުއްޓުވަމުންނެވެ.

ކޮންމެ ހުކުރު ދުވަހަކާ ދިމާކޮށް އިދިކޮޅު ކޯލިޝަނުން އަންނަނީ ސިލްސިލާކޮށް މުޒާހާރާކޮށް މިފަދަ އެއްވުންތައް ބައްވަމުންނެވެ. ކޮވިޑް ބަލިމަޑުކަން ފެތުރެމުން މިދާ ދަންޑިވަޅުގައި އިދިކޮޅު ކޯޅިޝަނުން މުޒާހރާތައް ބާއްވަމުންދަނީ ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރުމުން ކަމަށް ބުނެފައި ވެއެވެ. އަދި މުޒާހަރާތައް ހުއްޓާލާނީ ސަރުކާރުން މަޝްވަރާ ކުރުމަށް އެއް މޭޒު ދޮށަށް އައުމުން ކަމަށް ވެސް އިދިކޮޅުން ބުނެފައި ވެއެވެ.

ފުލުހުން މުޒާހާރާ ހުއްޓުވަން މިދިޔަ ހުކުރު ދުވަހު ވެސް ނުކުމެފައި ވެއެވެ. އެ މުޒާހަރާގެ ތެރެއިން 39 މީހަކު ފުލުހުން ހައްޔަރުކުރި އިރު އެ އެންމެން ވެސް 1000 ރުފިޔާއިން ޖޫރިމަނާ ކުރުމަށްފަހު ފުލުހުން ވަނީ ދޫކޮށްލާފައެވެ.

ކޮވިޑް ފެތުރެމުންދާ މި ދަނޑިވަޅުގައި މާލެ ސަރަހައްދުގައި އެކުއެކީގައި ބޭރަށް ނުކުމެ އުޅެވޭނީ އެއްފަހަރާ 5 މީހުންނަށް ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އަދި އެޗްޕީއޭގެ އެންގުން ތަންފީޒު ކުރުމަށް ގައިޑްލައިންތަކާ ހިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފައި ވެއެވެ.