ގުރޭޑް 7 ،8 ގެ ދަރިވަރުން ސުކޫލަށް ގެންގޮސްގެން ކިޔަވާ ދޭން އެޑިއުކޭޝަނުން މިނިސްޓްރީން ނިންމައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިމަހުގެ 14 އިން ފެށިގެން 18 ވަނަ ދުވަހަށް މާލޭ ސަރަހައްދުގެ ސްކޫލްތަކުގެ އެލްކޭޖީ އިން ފެށިގެން ގްރޭޑު 6 އާ ހަމަޔަށް ކިޔެވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އޮންލައިން ކޮށް ކަމަށެވެ.

އޭގެ އިތުރުން ގްރޭޑް 7 އިން ފެށިގެން ގްރޭޑް 8 ގެ ދަރިވަރުންގެ ކިޔެވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ސްކޫލަށް ހާޒިރު ކޮށްގެން ކަމަށް މިނިސްޓްރީން ބުނެއެވެ.

މިހާރުވެސް ގްރޭޑް 9 އިން 12 އަަށް ކިޔަވައި ދެނީ ސްކޫލަށް ގެންގޮސްގެންނެވެ.

ކޮވިޑްގެ ސަބަބުން ރާއްޖޭގެ ސްކޫލުތައް ކުރިން ބަންދު ކުރުމަށް ފަހުން ސްކޫލުތައް ހުޅުވާ، 2020 ވަނަ އަހަރުގެ ދެވަނަ ޓާމްގެ ކިޔެވުން ފަށާފައި ވަނީ ޖެނުއަރީ މަހުގެ 10 ގައެވެ.

މި ދިޔަ އަހަރު ސްކޫލްތަކުގެ ޓާމު ކިޔެވުން ބަންދު ވި އިރު ރާއްޖެގައި ކޭސްތައް ވަނީ ދަށަށް ގޮސްފައެވެ. މިއަހަރު ފެށުނު އިރު 50 އިން ދަށުގައި ކޭސްތައް ހުރި ނަމަވެސް ސްކޫލަތައް ހުޅުވާލި ފަހުން ކޭސްތައް ވަނީ މައްޗަށް އަރާފައެވެ. އަދި އެކިއެކި ސްކޫލުތަކުގެ މެނޭޖުމަންޓުގެ ބައެއް ބޭފުޅުންނާއި ބައެއް ދަރިވަރުން ކޮވިޑަށް ޕޮޒިޓިވް ވެފައި ވެއެވެ.

އެކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ވަނީ މާލޭ ސަރަހައްދުގެ ސްކޫލްތަކުގެ އެލްކޭޖީ އިން ފެށިގެން ގްރޭޑް 8 އަށް، ސްކޫލަށް ގެންގޮސްގެން ކިޔަވައިދިނުން ހުއްޓާލައި އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމާފައެވެ. ނަމަވެސް ޓާމް ބްރޭކް ވީމައި އެއްވެސް ކްލާހެއްގެ ކިޔެވުން އޮންލައިންކޮށް ގެންގޮސްފައެއް ނުވެއެވެ.

އެ ނިންމުން ނިންމާފައި ވަނީ މާލެ ސަރަހައްދުގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުން ދާތީ، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ އިރުޝާދުގެ މަތިން، ބަލި ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.