މިމަހު 15 ވަނަ ދުވަހުގެ ފަހުން މާލެ ސަރަހައްދުގައި ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުން ހުއްޓާލަން ނިންމާފައި ވީ ނަމަވެސް ބައެއް މީހުންނަށް ވެކްސިން ޖެހޭނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

މިމަހު 15 ވަނަ ދުވަހުގެ ފަހުން މާލެ ސަރަހައްދުގައި ކޮވިޑް ވެކްސިން ޖެހުން ހުއްޓާލުމަށް ނިންމާފައި ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ފަށަން ޖެހޭތީއެވެ. އެޗްޕީއޭއިން މިއަދު ވަނީ 15 ވަނަ ދުވަހުގެ ފަހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހޭނެ ކެޓަގަރީތައް އާންމުކޮށްފައެވެ.

މާޗް 15ގެ ފަހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހޭނެ މީހުން:

  • ބަލިން ރައްކާތެރިވުމަށް ހާއްސަ އިސްކަމެއް ދޭ މީހުން (އުމުރުން ދުވަސް ވީ މީހުންނާއި، ބަލިތަކުގައި އުޅޭ މީހުން)
  • ޕޮޒިޓިވްވެ މިހާރު އެކަހެރިވެފައިވާ މީހުން (އެމީހުންނަށް ވެކްސިންޖެހޭނެ ކަމަށް ކަނޑައަޅާފައިވާ މުއްދަތުގައި)
  • ކޮންޓެކްޓަށްވެ ކަރަންޓީންގައި ތިބި މީހުން (އެމީހުންނަށް ވެކްސިންޖެހޭނެ ކަމަށް ކަނޑައަޅާފައިވާ މުއްދަތުގައި)
  • ރާއްޖެއިން ބޭރުން ދަތުރު ކުރުމަށްފަހު ކަރަންޓީންގައި ތިބި މީހުންނާއި މާލެއިން ދަތުރު ކުރުމަށްފަހު ކަރަންޓީނުގައި ތިބި މީހުން
  • ބައްޔެއްގެ ސަބަބުން ނުވަތަ ސިއްހީ ހާލަތެއްގެ ސަބަބުން ވެކްސިން ޖެހުން ލަސްކުރަން ޖެހުނު މީހުން މިއެވެ.

ރާއްޖޭގައި ބޭނުން ކުރަމުން އަންނަ ކޮވިޝީލްޑް ވެކްސިންގެ ދެ ވަނަ ޑޯޒް ޖަހަން ނިންމާފައި ވަނީ، ފުރަތަމަ ޑޯޒް ޖަހާތާ 8 ހަފްތާއާއި 12 ހަފްތާއާ ދެމެދުގައި ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. މިދިޔަ މަހުގެ 1 ވަނަ ދުވަހު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހަން ފަށާފައި ވާއިރު، ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންނަށް ދެ ވަނަ ޑޯޒް ޖަހަން ފަށާނީ އެޕްރީލްގައެވެ.

ކޮވިޑް-19 ވެކްސިން ދިނުމުގައި ދުނިޔޭގެ އެހެން ގައުމުތަކާ އަޅާބަލާއިރު، ނިސްބަތުން ބޮޑުކުރިއެރުމެއް ރާއްޖެއިން އަންނަނީ ހޯދަމުންނެވެ. އެގޮތުން މިހާތަނަށް ޖުމްލަ 175،456 އަށް ވުރެ ގިނަ މީހުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ އިރު، ސަރުކާރުގެ އަމާޒަކީ ދިވެހިންނާއި ރާއްޖޭގައި ދިރިއުޅޭ އެހެނިހެން ގައުމުތަކުގެ މީހުން ހިމެނޭގޮތަށް އެއްވެސް ތަފާތު ކުރުމެއް ނެތި، ހަމަހަމަ ކަމާއެކު ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް ވެކްސިން ފޯރުކޮށްދިނުމެވެ