2020 ވަނަ އަހަރު މުޖުތަމައަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން މުޖުތަމައުގެ ލާބައާއި މަންފާއަށް ރާއްޖޭގެ 100 އަށް ވުރެ ގިނަ ރަށުގެ ޖަމިއްޔާތަކާއި އާންމު ފަރުދުންނަށް އަމާޒުކޮށް ބޭންކް އޮފް މޯލްޑިވްސުން ޕްރޮޖެކްޓްތަކާއި ސްޕޮންސާޝިޕްތައް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށް ދީފައެވެ.
ދެމެހެއްޓެނިވި މަޝްރޫއުތަކެއްގެ ޒަރިއާއިން ވަކިވަކި ފަރުދުންނާއި ޖަމިއްޔާ ޖަމާއަތްތައް ބާރުވެރި ކުރުމުގެ ގޮތުން ހިންގާ އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު މެދުވެރިކޮށް، އެއްމިލިއަން ރުފިޔާގެ 20 މަޝްރޫއު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގުމަށް ވަނީ އިންވެސްޓް ކޮށްފައެވެ. އެގޮތުން ސްކޫލްތަކުގެ ކްލާސްރޫމްތަކަށް ބޭނުންވާ ތަކެތި ހޯދުމާއި ލައިބްރަރީ ތަރައްގީ ކުރުމާއި، ޕާކު އަދި ޖިމް ހެދުން، ނޭޗާ ޕާކް ތަރައްގީ ކުރުމާއި، ސޯލާ ލައިޓް ހަރު ކުރުމުގެ ޕްރޮޖެކްޓްތަކަށް ވަނީ މާލީ އެހީތެރިކަން ފޯރުކޮށް ދީފައެވެ.
ރާއްޖޭގައި ހިންގާ ޖަމިއްޔާތަކުން މުޖުތަމައަށް އެހީފޯރުކޮށްދިނުމަށް ހިންގާ ގިނަ ޕްރޮޖެކްޓްތަކަށާއި މަސައްކަތްތަކަށް އެހީވުމަށް ބޭންކުން އަބަދު ވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިދިޔަ އަހަރު ކެންސާ ސޮސައިޓީ އޮފް ދަ މޯލްޑިވްސުން އުރަމަތީގެ ކެންސަރަށް ހޭލުންތެރި ކުރަން ކުރާ މަސައްކަތައް އެހީތެރިކަން ފޯރިކޮށް ދީފައި ވެއެވެ. އަދި ފެމެލީ ލީގަލް ކްލިނިކްގެ ފަރާތުން ކުރިއަށް ގެންދާ ލީގަލް އެއިޑް ޕްރޮގްރާމުގެ ދަށުން ގާނޫނީ ލަފާ ބޭނުންވާ ފަރާތްތަކަށް އެހީވުމަށާއި އާންމުން ހޭލުންތެރި ކުރުވުމުގެ ގޮތުން ބާއްވާ ހަރަކާތްތަކަށް އެހީތެރިވުމުގެ ގޮތުން މާލީ އެހީތެރިކަން ވަނީ ފޯރުކޮށް ދީފައެވެ.
ހަމައެއާއެކު، ކޮވިޑް-19 ގެ ސަބަބުން އެހީތެރިކަމަށް ބޭނުންވެފައި ތިބި ކުދިންނަށް އެހީތެރިވުމަށް ހިންގި އާކް އެއިޑް ޕްރޮގްރާމަށް 150،000 ރުފިޔާ ހަދިޔާކޮށް 587 ކުދިން ހިމެނޭހެން 300 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށް ދިނުމުގައި ވަނީ ބައިވެރިވެފައެވެ.
އަތޮޅު ތެރޭގައި ބޭންކިން ވިއުގަ ފުޅާ ކުރުމަށްޓަކައި ވެސް މިދިޔަ އަހަރު ވަނީ އިތުރަށް އިންވެސްޓް ކޮށްފައެވެ. އެގޮތުން 9 ރަށެއްގައި އަލަށް ސެލްފް ސާވިސް ބޭންކިން އޭޓީއެމް ސެންޓަރު ހުޅުވައިފައި ވާއިރު، އިތުރު 5 ރަށެއްގައި ބަހައްޓާފައި ހުރި އޭޓީއެމް ސެލްފް ސާވިސް ބޭންކިން ހިދުމަތްތައް ލިބޭނެހެން ބަދަލު ގެނެސްފައި ވެއެވެ. އަދި ކޭޝް އޭޖެންޓް ވިއުގަ ފުޅާކޮށް 200 އަށް ވުރެ ގިނަ އޭޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިން ހިދުމަތްތައް ލިބޭނެ މަގު ވެސް ވަނީ ތަނަވަސް ކޮށްފައެވެ. މީގެ ތެރެއިން 40 އަށް ވުރެ އޭޖެންޓުން މެދުވެރިކޮށް މިހާރު ވަނީ ފައިސާ ޖަމާކުރުމާއި ލޯނަށް ފައިސާ ދެއްކޭނެ މަގު ފަހި ކޮށްފައެވެ.
ބީއެމްއެލުން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގާ ބިނގާވެ އުޅުމަށް ދަތިވެފައިވާ އަދި އަމިއްލައަށް ވީލްޗެއާ ބޭނުން ކުރެވޭނެ މީހުންނަށް ވީލްޗެއާ ހަދިޔާ ކުރުމުގެ ޕްރޮގްރާމުގެ ދަށުން، މިދިޔަ އަހަރު 65 ވީލްޗެއާ ހަދިޔާ ކޮށްފައެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް 1.2 މިލިއަން ރުފިޔާ ހޭދަކޮށްފައެވެ.
ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށަށް އައިސްފައިވާ ހީނަރުކަމުގެ ސަބަބުންނާއި މި ހާލަތުން އަރައިގަނެވޭނެ މުއްދަތެއް އަދި އަންދާޒާ ކުރަން ދަތިއެވެ. ނަމަވެސް ބޭންކުން ވަނީ މިއަހަރު ތެރޭގައި ވެސް ރާއްޖޭގެ ރައްޔިތުންނާއި މުޖުތަމައުގެ ލާބައާއި މަންފާއަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައެވެ.