ސަރުކާރުގެ ކޯލިޝަން އުވާ ނުލާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ، މިހާރު ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެގޮތުން، ރައީސް ސޯލިހް ވިދާޅުވީ، ކޯލިޝަން އުވާ ނުލާ ކަމަށާއި، ކޯލިޝަން ލީޑަރުންނާއެކު މަޝްވަރާތައް ކުރަމުން ދާ ކަމަށެވެ. އަދި ކޯލިޝަނާ މެދު އެމަނިކުފާނަށް އެއްވެސް ސުވާލެއް ނުއުފެދޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ މިއަދު މިއޮތް ސަރުކާރު ވުޖޫދަށް އައީ ކޯލިޝަނެއްގެ ތެރެއިން ކަމަށާއި، މި ފަސް އަހަރުގެ ދައުރު ނިމެންދެން ކޯލިޝަން ދެމި އޮންނާނެ ކަމަށެވެ. އަދި ކޯލިޝަން ރޫޅަލުމުގެ އެއްވެސް ވިސްނުމެއް ނުވަތަ ބައިބައި ވުމުގެ އެއްވެސް ވިސްނުމެއް އެމަނިކުފާނު ނުގެންގުޅުއްވާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން ކޯލިޝަން ލީޑަރުންގެ ބައްދަލުވުން ކުރިއާ އެއްގޮތަށް ނުގެން ދެވޭ ކަމަށެވެ. އަދި ކޯލިޝަނާ މެދު ޝައްކު އުފެދިގެން އުޅޭ ސަބަބަކީ އެއީ ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.

ނަމަވެސް ހުރިހާ ކޯލިޝަން ލީޑަރުންނާ ވެސް އެމަނިކުފާނާ ގުޅުއްވޭ ކަމަށާއި، ހަފްތާ ތެރޭގެ ބައެއް ދުވަސް ދުވަހު ހުރިހާ ކޯލިޝަން ލީޑަރުންނާއެކު ވެސް މަޝްވަރާ ކުރެވޭ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އަދި ކަންކަން ނިންމަވަނީ ކެބިނެޓްގައި ހިމެނޭ ޕާޓީތަކުގެ ވަޒީރުންނާއި ކޯލިޝަން ލީޑަރުންގެ މަޝްވަރާއާާ އެކު ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.