ރާއްޖޭގެ ކަނޑުގެ ސަރަހައްދުން 2019 އޮކްޓޯބަރު މަހު އަތުލައިގަތް އީރާނުގެ ބޯޓުން، 70 ކިލޯގެ މަސްތުވާތަކެތި ފެނުނު މައްސަލައިގައި ހައްޔަރު ކުރި މޭސްތިރިޔާ ސ. ހިތަދޫ/ ކޯޒީކޯނާ، އަލީ އަންވަރު މުހައްމަދު ބަންދުން ދޫކޮށްލައިފިއެވެ.

އީރާނުގެ ބޯޓުން މަސްތުވާތަކެތި ފެނުނު މައްސަލައިގައި ތުހުމަތު ކުރެވޭ މޭސްތިރިޔާ ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރު ކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހު ކަމަށް މައުލޫމާތު ލިބެއެވެ.

މި މައްސަލާގައި ދެން ތިބި ހުރިހާ ދިވެހިން ދޫކޮށްލާފައި ވަނީ ޑިސެމްބަރު 17، 2019 ވަނަ ދުވަހުއެވެ.

އެމްއެންޑީއެފް ކޯސްޓްގާޑާއި ފުލުހުން ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 70 ކިލޯގެ މަސްތުވާތަކެއްޗާއެކު ދަތުރުކުރި "އަލް ޝަބާން" ނަމަކަށް ކިޔާ ބޯޓެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގެންފައި ވަނީ، އޮކްޓޯބަރު 5، 2019 ވަނަ ދުވަހުގެ ރެއެވެ. މި ބޯޓު ހިފަހައްޓާ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ހއ. ތުރާކުނުގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 172 މޭލު (149 ނޯޓިކަލް މޭލު) ބޭރުން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އަންވަރުގެ އިތުރުން މި މައްސަލައިގައި ހައްޔަރު ކުރީ ކ. ދިއްފުށި މާތިލަ އަހްމަދު ޝަކީބް، 42، އަދި ލ. ގަން ތުނޑި މިލާނޯ މުހައްމަދު ރިޝްފާން، 23، އެވެ.

ޑްރަގް ހިފައިގެން އައި އީރާނު ބޯޓުގެ ކައިރިއަށް ދިޔަ "ހެދޭކުރި" ދޯނީގެ ކެޕްޓަނާއި ފަޅުވެރިން ވެސް ފުލުހުން އަތުލައިގަތެވެ. އެއީ ކ. ދިއްފުށި، އިރުމަތީގޭ އާދަމް މިސްބާހް، 39، އާއި ލ. ގަން ތުނޑި އީޓް ޖެހިގޭ މުހައްމަދު އިނާޝް، 22، އާއި ބަންގްލަދޭޝްގެ ދެ މީހެއް ކަމަށްވާ އަލީ އަހްމަދު، 24، އަދި ތުހުން، 36، އެވެ.

އީރާނުގެ ބޯޓުގައި ތިބި މީހުންނަކީ ފަކީރު، 50، އާއި އިސްމާއީލް އިބްރާހީމް، 50، އާއި ސާޖިދު، 50، އާއި ނަވިދު، 30، އާއި އީސާ ސުލައިމާން، 26، އަދި އަލީ ރާޖާ، 19، އެވެ.

އެއޮޕަރޭޝަން ގައި އަތުލައިގަތް މަސްތުވާތަކެތީގެ އަގު 59.2 މިލިއަން ރުފިޔާ އަށް އަރައެވެ.