ސްޓެލްކޯގެ ސްޓާފް ހައުސިން ޕްރޮޖެކްޓުގެ ދަށުން ފްލެޓް ދޫކުރި އުސޫލު މުރާޖައާކުރަން އަންގަން ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީން ނިންމައިފިއެވެ.

ހިޔާ މަޝްރޫއުގެ ތެރެއިން މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން އެއްބަސްވެ ސްޓެލްކޯ އިން ނިންމީ 15 ބުރީގެ ދެ ޓަވަރު އަޅާށެވެ. އެއީ އެއް ކޮޓަރި އާއި ދެ ކޮޓަރީގެ ފްލެޓްތައް ހިމެނޭ ގޮތުން ޖުމްލަ 384 އެޕާޓްމެންޓެވެ.

އޭގެ ތެރެއިން އެއް ކޮޓަރީގެ 72 އެޕާޓްމަންޓް ސަރުކާރުން ކަނޑައަޅާފައިވާ އަގެއްގައި ވިއްކަން ހަމަޖެއްސިއެވެ.

ސްޓެލްކޯގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އިމާރާތްކުރާ ފްލެޓުތަކުގެ މައްސަލައިގެ އުސޫލާ ގުޅޭ ގޮތުން ހުށަހެޅި މައްސަލަ، ކޮމިޓީން ނިންމާ ރިޕޯޓް ވަނީ މަޖިލީހުގެ ވެބްސައިޓްގައި ޝާއިއުކޮށްފައެވެ.

ރިޕޯޓުގައި ބުނެފައި ވަނީ ކުންފުނިން ފްލެޓް ސްކީމެއް ހުޅުވާލުމުގެ ބޭނުމަކީ ބޯހިޔާވަހިކަން ތަހައްމަލްކުރާ އެތަނުގެ މުވައްޒަފުންނަށް ސަބްސިޑައިޒް ރޭޓެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށެވެ. ނަމަވެސް ކުންފުނިން އެކަން ކޮށްފައި ވަނީ މަސައްކަތްކުރާ ގިނަ ދުވަސްވީ މުވައްޒަފުންގެ ތެރެއިން ބޯހިޔާވަހިކަމުގެ ދަތިކަން ތަހައްމަލުކުރަން ޖެހިފައިވާ މުވައްޒަފުންނަށް ބޯހިޔާވަހިކަމަށް އެދި ކުރިމަތިލުމުގެ ފުރުސަތު ހަނިވާގޮތަށް ކަމަށް ރިޕޯޓުގައި ވެއެވެ.

އެހެންކަމުން ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާ އެއްގޮތަށް، ޕްލޭނިން މިނިސްޓްރީގެ ފަންނަނީ ލަފާގެ މަތިން އެ ޕްރޮޖެކްޓުންގެ ދަށުން ފްލެޓު ދޫކުރަން އެކުލަވާލާފައިވާ އުސޫލު މުރާޖައާކުރަން އަންގަން ކޮމިޓިން ވަނީ ފާސްކޮށްފައެވެ.