ކޮވިޑް-19 ވެކްސިން ޖެހި 45 އަހަރުގެ މީހަކު މަރުވުމުން ތަހުގީގެއް ފަށައިފިއެވެ.
ހެލްތް ޕްރޮޓެކްޓަން އެޖެންސީން ވަނީ އެކަން ދެންމެ ހާމަ ކޮށްފައެވެ.
އެޗްޕީއޭ އިން ބުނީ މަސްދޯންޏެއްގައި ހުރި 45 އަހަރުގެ ފިރިހެނަކު ހާލު ގޯސްވުމާ ގުޅިގެން ކ. ހިންމަފުށީ ހެލްތް ސެންޓަރަށް ގެންދިޔަ ކަމަށާއި، އއ. މާޅޮހަށް ނިސްބަތްވާ އެ މީހާ މިއަދު ހެނދުނު 09:13 ހާއިރު މަރުވެފައި ވާކަމަށެވެ. އަދި އެމީހާ އަކީ އިއްޔެ މާޅޮހުން ކޮވިޝީލްޑް ވެކްސިން ޖެހި މީހެއް ކަމަށާއި މިއަދު އޭނާ މަރުވުމުން، އެ މައްސަލަ އިތުރަށް ބަލަމުން އަންނަކަމަށް އެޗްޕީއޭން ބުނެއެވެ.
އެޗްޕީއޭއިން ބުނީ އޭނާ މަރުވި ސަބަބު ދެނެގަތުމަށް ފުރިހަމަ ތަހުގީގެއް ފަށާފައި ވާ ކަމަށެވެ.
ވެކްސިން ޖެހިފަހުން މީހަކު މަރުވެފައި ވާއިރު، މިގެ ކުރިން ވެކްސިން ޖެހި ދޮށީ އުމުރުގެ ދެ މީހަކު ވަނީ މަރުވެފައެވެ. އެއީ 81 އަހަަރުގެ އަންހެނަކާއި އުމުރުން 93 އަހަރުގެ ފިރިހެނެކެވެ. އެއީ ދެމަފިރިންނެވެ.
ކޮވިޑް ބަލީގައި ރާއްޖެއިން މަރުވި މީހުންގެ ރެކޯޑްތަކަށް ބަލާއިރު މިދިޔަ ޑިސެމްބަރު މަހު 2 މީހަކު މަރުވެފައި ވާއިރު ޖެނުއަރީ މަހު ވަނީ 4 މީހަކު މަރުވެފައެވެ. އަދި މިދިޔަ މަހު މަރުވި މީހުންގެ އަދަދު 10 އަށް އަރާފައި ވާއިރު މި މަހު މަރުވި މީހުންގެ އަދަދު މިހާރު ވަނީ 2 އަށް އަރާފައެވެ. އެހެން ކަމުން މިހާރު ކޮވިޑް ބަލި ޖެހިގެން މަރުވި މީހުންގެ ޖުމްލަ އަދަދަކީ 64 އެވެ. އެއީ 57 ދިވެހިންނާއި 7 ބިދޭސީންނެވެ.
މި މަހު މަރުވި ފުރަތަމަ މީހާ މަރުވެފައި ވަނީ މިމަހު ތިން ވަނަ ދުވަހެވެ. އެ މީހާ އަކީ މަރުވެފައި އޮއްވާ އައިޖީއެމްއެޗްއަށް ގެންދިޔަ ފަހުން ހެދި ކޮވިޑް ޓެސްޓުން ޕޮޒިޓިވް ކަން އެނގިފައިވާ މީހެކެވެ. އެއާއެކު އޭނާ މަރުވީ ކޮވިޑުގައި ކަމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ. ދެވަނަ މީހާ މަރުވީ މިމަހު ހަތަރު ވަނަ ދުވަހެވެ. އެއީ ކޮވިޑް ޖެހިގެން ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދިޔަ މީހެކެވެ.