ދިވެހިރާއްޖޭގެ އޮޑިޓާ ޖެނެރަލްގެ އޮފީހަށް ޕާފޯމަންސް އޮޑިޓް އާ ބެހޭ ގޮތުން ކަސްޓަމައިޒްޑް އީ-އައިޓެކް ކޯހެއް ބާއްވަން ނިންމައިފިއެވެ.

މި ކޯހަކީ އިންޓަނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ސިސްޓަމްސް އެންޑް އޮޑިޓް (އައިސީއައިއެސްއޭ) އަދި އިންޑިއާގެ ކޮމްޕްޓްރޯލާ އެންޑް އޮޑިޓާ ޖެނެރަލް (ސީއޭޖީ) އޮފީހާ ގުޅިގެން ދިވެހިރާއްޖޭގެ އޮޑިޓާ ޖެނެރަލްގެ އޮފީހާ ގުޅިގެން ހިންގާ ކޯހެކެވެ.

މި ކޯސް ކުރިއަށް ގެންދަނީ މި މަހުގެ 8 އިން 13 އަށެވެ. މި ކޯހުގައި 20 އޮފިޝަލުން ތަމްރީނު ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އޮޑިޓާ ޖެނެރަލް އޮފީހުން ބުނީ މިއީ އޮޑިޓާ ޖެނެރަލްގެ އޮފީހަށް އިންޑިއާގެ ފަރާތުން ހިންގައިދެވޭ މިފަދަ ފުރަތަމަ ކަސްޓަމައިޒްޑް ތަމްރީނު ކޯސް ކަމަށެވެ. އަދި އޮޑިޓާ ޖެނެރަލް އޮފީހުގެ އޮފިޝަލުންނަށް، އޮފީހުގެ ބޭނުންތަކާއި ގުޅޭހެން މިފަދަ ތަމްރީނު ޕްރޮގްރާމްތައް ހިންގާ ދިނުމަށް މަގުފަހިވާ އެމްއޯޔޫ އެއްގައި ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި އިންޑިއާގެ ސީއޭޖީ އޮފީހާ ދެމެދުގައި ސޮއި ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި ކޯހާ ގުޅޭ ގޮތުން ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ބުނީ ނޮވެމްބަރު 2018 އިން ފެށިގެން އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު މީހުން ބިނާ ކުރުމުގެ ދާއިރާ ބޮޑުތަނުން ކުރިއަށް ގޮސްފައި ކަމަށެވެ.

އެގޮތުން އޭޕްރިލް 2019 އިން މާޗު 2020 ގެ ނިޔަލަށް އައިޓީ، ކޮމިއުނިކޭޝަން، ސިއްހީ، ގާނޫނީ އަދި ތައުލީމީ ދާއިރާއިން 735 ދިވެހި އޮފިސަރުންނާއި އޮފިޝަލުން ތަމްރީނު ކުރެވިފައި ވާ ކަމަށެވެ.