ޓްރާންސްޕޯޓު މިނިސްޓްރީއާއި ޓްރާންސްޕޯޓް އޮތޯރިޓީގައި ފުށުއެރުންތަކެއް ހުރުމުން، އެ އޮތޯރިޓީގެ ގާނޫނު އުވާލަން މަޖިލީހަށް ހުށަހަޅާފައި ވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ އެމްޑީޕީގެ "ރަށްވެހި ފަތިސް" ކެންޑިޑޭޓުންނާއި ކެމްޕޭން ޓީމުތަކާއެކު ބާއްވާ ބައްދަލުވުމުގައެވެ. ރައީސް ސޯލިހް ވިދާޅުވީ، ޓްރާންސްޕޯޓް މިނިސްޓްރީގައި މައްސަލަތަކެއް ހުރި ކަމަށާއި، މަސައްކަތްތައް ވެސް ލަސްކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ޓްރާންސްޕޯޓު މިނިސްޓްރީގައި އެބަ އުޅޭ މައްސަލަތަކެއް. އޭގަ އެބަ އުޅޭ ބާރުތައް ފުށުއެރުމުގެ މައްސަލަތަކެއް. އޭގެ އިތުރަށް އަޅުގަނޑަށް ފެންނަނީ އެތަނުގެ މައްސަލަތައް ހިންގުން ލަސް ކަމަށް
ރައީސް ސޯލިހް

ޓްރާންސްޕޯޓް މިނިސްޓްރީގައި ބާރުތައް ފުށުއެރުމުގެ މައްސަލަތަކެއް ވެސް ހުރިކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ޓްރާންސްޕޯޓު މިނިސްޓްރީ އާއި ޓްރާންސްޕޯޓު އޮތޯރިޓީ އާ ދޭތެރޭ ގާނޫނީ ފުށުއެރުންތަކެއް އެބަހުރި ކަމަށެވެ. އެހެންކަމުން، މިހާރު ޓްރާންސްޕޯޓު އޮތޯރިޓީގެ ގާނޫނު އުވާލަން ހުށަހަޅުއްވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެ ގާނޫނު އުވާލައި ޓްރާންސްޕޯޓު މިނިސްޓްރީގެ އޮނިގަނޑަށް ބަދަލުތަކެއް ގެނައުމާއެކު، މިނިސްޓްރީގެ ހިނގުން އަވަސް ވެގެންދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. ހަމައެއާއެކު، ވެހިކަލް ރަޖިސްޓާ ކުރުމުގެ ކަންކަން ލާމަރުކަޒުކޮށް ކައުންސިލްތަކަށް ދޫކޮށްލައިފި ނަމަ، މައި ސަރުކާރަށް ލުއިވާނެ ކަމަށާއި ސަރުކާރުން އެ ދިމާލަށް މަސައްކަތް ކުރާނެ ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.